ސަރުކާރުތަކުން އެ ޤައުމެއްގައި ތިބޭ ސިޔާސީ މީހުންގެ އަޑު ކަނޑުވާލަނީ ސަރުކާރުގެ ޒާތީ މަސްލަހަތަށްޓަކާ ހިންގާ ހަރަކާތްތައް ފުޅައު ދާއިރާއެއްގައި ހިންގަން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިރޭ ވިދާޅުވީ ރައްޔިތުންގެ ބޭނުންތަކާއި ކަންބޮޑުވުންތަކުގެ އަޑު ޢާންމު ގޮތެއްގައި އިވެނީ ސިޔާސީ ޕާޓީތަކުގެ ސްޕީކަރުތަކުން ކަމަށެވެ. ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުން ކަމަށެވެ. އަދި ސިޔާސީ ބޭފުޅުންގެ އަޑު ކަނޑުވާލެވިއްޖެނަމަ ރައްޔިތުންގެ އުންމީދުތަކާ ހުވަފެންތައް އެދިއައީ އެއްފަރާތަށް ޖެހިގެން ކަމަށެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައިފިނަމަ ސިޔާސީ ގިނަ ބައަކު ތިބީ ބަންދެއްގައި ކަމަށެވެ. އެއްބައަކު ޖަލުގައި ކަމަށާއި އަނެއް ބައަކު ޤައުމުން ބޭރުކޮށްފައި ނުވަތަ ބޭރުގައި ތިބެން މަޖުބޫރުކޮށްފައި ކަމަށެވެ.
އަމީން ވިދާޅުވީ ޤައުމަށް ޚިދުމަތްކުރުމަށް ވަކި އުމުރެއް ނެތް ކަމަށާއި ކޮންމެ އުމުރެއްގެ މީހަކުނަމަވެސް ސާބިތުކަމާއިއެކު ނުކުމެ ކުރަންވީ ޤައުމުގެ މިޙާލަތު ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިމިވާ ނިކަމެތި ހާލަތުން ސަލާމަތް ކުރުމަށް ވީހައި ގިނަ ބައަކު ނުކުމެ މަސައްކަތްކުރުމަށް ގޮވާލައްވާ ކަމަށެވެ.
އުމުރުން 65 އަހަރުވުމުން ޤައުމަށް ޚިދުމަތް ކުރުމަށް އަޅާފައިވާ ހުރަސްތަކަށް ފާޑުވިދާޅުވަމުން އަމީން ވިދާޅުވީ ޤައުމަށް ޚިދުމަތް ކުރެވޭނެކަން ކަނޑައަޅާނީ މީހާގެ ޢުމުރު ނޫން ކަމަށާއި އެއީ ރައްޔިތުން ނިންމާ ނިންމުމެއްކަން މެލޭސިޔާގެ އިންތިޚާބުންވެސް އެނގިގެން ހިނގައްޖެ ކަމަށެވެ.
"ކުރިއަށްދާއިރު ފިކުރުގެ ގޮތުން ބަލަންޖެހޭނީ ކަނާއަތަށް ނުވަތަ ވައަތަކަށް ނޫން. ޙައްޤާ ބާޠިލަށް. ކުރިއަށް ދިއުމުގެ ސަމުގާއަކަށް ބަލަންޖެހޭނީ އިރަކަށް ނުވަތަ ހުޅަނގަކަށް ނޫން. ހެވާ ނުބައަށް. އެހީތެރިކަމަށް އެދޭއިރު ބަލަންޖެހޭނީ ދުރަށް ނުވަތަ ކައިރިއަކަށް ނޫން، ރައްޔިތުންގެ މަޞްލަހަތަށް. އެއަށް ބަލައިގެން ކުރިއަށް ނުދާނަމަ ޙާޞިލުކުރަން ބޭނުންވެގެން އުޅޭ ނަތީޖާ ޙާޞިލެއް ނުކުރެވޭނެ."
އަމީން ވިދާޅުވީ ޖޭޕީއަކީ މިކަންކަމަށް ބަލައި ސިޔާސަތުތައް އެކުލަވާލައިގެން ކުރިއަށްދާ ޕާޓީއެއް ކަމަށެވެ. އަދި ލީޑަރު ޤާސިމް އިބްރާހީމް އަކީ ރައްޔިތުން އެންމެ އިތުބާރުކުރާ އަދި އެންމެ ބޮޑު ޤައުމީ ޚިދުމަތްތެރިޔާ ކަމަށެވެ. އެންމެ ތެދުވެރި އަމާނާތްތެރިޔާ ކަމަށެވެ. ޤައުމާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކުރުމުގައި ލާމަސީލު މިސާލެއް ކަމަށެވެ. އެހެންކަމުން އެ އިތުބާރުތަކާއިއެކު އިތުބާރު ހުރި ލީޑަރެއްގެ ފަހަތުގައި ޤައުމަށް ޚިދުމަތް ކުރުމަށްޓަކައި ކޮންމެ މީހަކުވެސް ގުޅެން އަދި ގުޅިގެން މަސައްކަތްކުރަން އެންމެ ރަނގަޅު ޕާޓީއަކީ ޖުމްހޫރީ ކަމަށެވެ.
ގުޅުންހުރި އަޑު: