އިންޑިއާ ކަނޑުގެ ސިފައިންގެ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.
އިންޑިއާގެ އަސްކަރިއްޔާއިން އިއްޔެގެ ވަގުތެއްގައި ރާއްޖެއަށް ފޮނުވާފައިވަނީ "އިންޑިއަން ނޭވީ ސުމޭދާ" ނަަމަކަށް ކިޔާ މަނަވަރަކެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، އިންޑިއާ ކަނޑުގެ ސިފައިންގެ މަނަވަރެއް ރާއްޖެ ފޮނުވީ، ރާއްޖެއާއި އިންޑިއާއާ ގުޅިގެން ބާއްވާ ތަމްރީންތަކެއްގައި ބައިވެރިވުމަށެވެ. އޭގެ އިތުރުން، ރާއްޖޭގެ ކަނޑުގެ އިޤްތިޞާދީ ސަރަހައްދުގެ ޕެޓްރޯލްކުރުމުގެ ހަރަކާތްތަކެއް ވެސް ދެ ޤައުމުގެ ސިފައިން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ތަމްރީންތަކާއި ޕެޓްރޯލްކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާގެ މަނަވަރެއް ރާއްޖެ އައިސްފައި މިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި އޮތް ދުވަސްވަރެއްގައެވެ. އިންޑިއާއާއި ރާއްޖެއާ ދެމެދު މައްސަލަތަކެއް އުފެދެން ފެށީ ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިވެ، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވުނު ހިސާބުންނެވެ.
އެއަށްފަހުގައި، އިންޑިއާއިން ވަނީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށް ޑިމާންޑްކުރަމުން އައި ބައެއް ކަންކަން ކުރުމަށް ވެސް ރާއްޖޭގެ ސަރުކާރަށް ގޮވާލައިފައެވެ.