އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި، ބައެއް އަމިއްލަ ކުންފުނިތައް ގުޅިގެން މާލޭގެ ބައެއް މިސްކިތްތައް ސާފުކުރުމުގެ ޙަރާކާތެއް މިއަދު ހެނދުނުން ފެށިގެން މާލޭގެ މިސްކިތްތަކުގައި އެބަކުރިއަށް ގެންދެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއީ މިއަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށް އެމިނިސްޓްރީން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ދަށުން ކުރިއަސް ގެންދާ ޙަރަކާތެއް ކަމަށެވެ.
މާލޭގެ ގިނަ މިސްކިތްތަކެއް ސާފުކުރާގޮތަށް ހަމަޖެހިފައިވާ މި ޙަރަކާތް ފެށުމަށްޓަކައި، މިކަމުގައި ޢަމަލީގޮތުން ބައިވެރިވާ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުން މިއަދު ހެނދުނު 08:45 ގައި އެއްވީ ބަންޑާރަ މިސްކިތް ދޮށަށެވެ.
މިއަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ މިސްކިތްތައް ސާފުކުރުމުގެ މިޕްރޮގްރާމުގައި ޢަމަލީގޮތުން ބައިވެރިވާ ކުންފުނިތަކަކީ، އެސްޓީއޯއާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ފެނަކައާއި، އެމްޓީސީސީއާއި، އެމްޑަބްލިއުއެސްސީއާއި، ސްޓެލްކޯއާއި، ޙައްޖު ކޯޕަރޭޝަނާއވެމްކޯ ގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކެވެ.
ކުންފުނިތަކުން މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވާގޮތުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީނާއި، މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީނައި، މާފަންނު އާމިސްކިތް ސާފުކުރާނެއެވެ. ފެނަކައިން މާފަންނު ވަގުތީ މިސްކިތާއި، ޢީދު މިސްކިތާއި، ދަރުމަވަންތަ މިސްކިތް ސާފުކުރާނެއެވެ. އެމްޓީސީސީން ސާފުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއްނޫރާއި، މަސްޖިދުއްޝަހީދު ޢަލީ އާއި، މަސްޖިދު އިބްރާހީމެވެ. އެމްޑަބްލިއުއެސްސީން މަސްޖިދު ޖަލާލުއްދީނާއި، މަސްޖިދުއްތަޢާވުނާއި، މަސްޖިދު ޔޫސުފް ބަރުބަރީ ސާފުކުރާއިރު، ސްޓެލްކޯއިން ސާފުކުރާނީ، މަސްޖިދުލްފުރުޤާނާއި، މަސްޖިދުއްސުލްޠާން ޢާދިލާއި، މަސްޖިދު ޞަލާޙުއްދީނެވެ. މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލާއި، މަސްޖިދު ޢަފީފުއްދީން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޙައްޖު ކޯޕަރޭޝަނުންނެވެ. އަދި އެސްޓީއޯއިން މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން ސާފުކުރާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކުން ހުކުރު މިސްކިތް ސާފުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ކުންފުނިތަކުން މިސްކިތްތައް ސާފުކުރާއިރު ހުރިހާ މިސްކިތެއްގެ ކުނި އުކާލުމުގެ ބައި ކުރިއަށް ގެންދާނީ ވެމްކޯއިންނެވެ.