10 ނަރުހުން އަަބަދު ފިރުމުމަށްވުރެ ދަރިއެއްގެ އެންމެ ފިރުމައިލުމަކުން މައިމީހާއަށް ލިބޭނެ ހިތްހަމަޖެހުން މާބޮޑު!
ސުވަރުގެ ވަނީ މައިންގެ ފައިތިލަ ދަށުގއެވެ. އެހެންކަމުން މުސްލިމުންނަށް ކޮންމެ ދުވަހަކީވެސް މައިންގެ ދުވަހެވެ.
މުސްލިމުން އަބަދުވެސް ދެމިތިބެންވާނީ މައިންނަށް އިޚްލާޞްތެރިކަމާއި އޯގާތެރިކަމާއިއެކު ޚިދުމަތްކުރުން މަތީގައެވެ. އެއީ ވަކި ދުވަހެއް އައުމުން ކުރަންޖެހޭ ކަމެއް ނޫނެވެ. ވަކި ދުވަހެއް އައުމުން މައިންނާއި އަޅާލައި ކަންކަން ކުރަނީ އަހަރުގެ އެހެން ދުވަސް ދުވަހު އެކަން ނުކުރާ މީހުންނެވެ.
މިސާލަކަށް ބައެއް މުޖުތަމައުތަކުގައި އެމީހުންގެ މައިން ދުނިޔޭގައި އުޅޭ ޙާލު ބަލާ މީހުން ވަރަށް މަދެވެ. މަންމައަށް ލިބޭ ޕެންޝަނާއި މަންމައާއި ދޫކޮށްލުމުން ބަލަނީ އެއޮތީ އެކަން ނިމިފައި ކަމަށެވެ. ބޮޑުވަރަކަށް މަންމަ ގެންގޮސް މުސްކުޅިން ބަލަހައްޓާ ގެއަކަށް ލައިފާނެއެވެ. ޚަރަދުވެސް ކޮށްފާނެއެވެ. އެހިސާބުން އެ ނިމުނީއެވެ.
ދެން މަންމަ ދެކެލަން ދާނީވެސް މައިންގެ ދުވަސް ފަދަ ދުވަހެއްގައެވެ. ނޫނީ ކްރިސްމަސް ދުވަސް ފަދަ ދުވަހެއްގައެވެ.
މިއީ މުސްލިމުންނަށް މިކަން ކުރަން ހުއްދަ ގޮތެއް ނޫނެވެ. މުސްލިމުންނަށް އޮތީ އެމީހަކު ދިރިއުޅޭ ހާލެއްގައި މަންމަ ގެންގުޅުމެވެ. އަބަދުވެސް މަންމައަށް ޚިދުމަތްކުރުމެވެ. ބަލިހާލުގެ ސަބަބުން ނުވަތަ އެނޫންވެސް އެފަދަ ހާލަތެއް ކުރިމަތިވެގެން ގޭގައި ބާއްވައިގެން މަންމަ ބެލެހެއްޓޭނެ އެއްވެސް ގޮތެއް ނެތިއްޖެނަމަ މަންމަގެ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓޭނެ ތަނަކަށް ގެންގޮސްގެން މަންމަ ބެލެހެއްޓުމަކީ ކުރެވިދާނެ ކަމެކެވެ.
އެގޮތުން ތަނެއްގައި ބެއިންދި ނަމަވެސް ވީވަރަކުން މަންމައަށް ޚިދުމަތްކުރަންޖެހޭނެއެވެ. ވީހައި ގިނައިން މަންމައަށް ޒިޔާރަތްކޮށް މަންމަގެ ހާލު ބަލަންޖެހޭނެއެވެ. އަމިއްލަ އަތުން ކޮށްދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް ކޮށްދޭންވާނީ އަމިއްލަ އަތުންނެވެ.
ވިސްނާށެވެ. ވަށައިގެން ތިބެ 10 ނަރުހުން މަންމަގެ ގައިގައި ފިރުމައި މަސާޖުކޮށްދިން ނަމަވެސް ނުލިބޭ ހިތްހަމަޖެހުން ދަރިއެއްގެ އެންމެ ފިރުމައިލުމުން ވެސް ލިބޭނެއެވެ. އެންމެ ބޮޑަށް ވިސްނަންވީ އެއް ކަމަކީ ތިމާއަކީ ދުނިޔޭގައި ހުރެވުނު ނަމަ ހަމަ މަންމަ ފަދައިން ބަލިވާނެ މީހެއް ކަމެވެ. ދަރިންގެ އެހީތެރިކަަމަށް ބޭނުންވާނެ މީހެއް ކަމެވެ.
މަންމައިން ބަފައިންނަށް ޚިދުމަްތކުރުމަކީ މަތިވެރި އަޅުކަމެވެ. އެ އަޅުކަން އަދާކޮށްގެން ލިބެން އޮތް ފައިދާ ނުހޯދުމަކީ އަމިއްލަ ނަފުސަށް ދެވޭ ގެއްލުމެކެވެ. އަމިއްލަ ނަފުސަށް ދެވޭ އަނިޔާއެކެވެ. އަމިއްލައަށް ގެއްލުވައިލާ ސަވާބު ފުނިވަރެކެވެ.
ދުޢާއަކީ މިކަންކަމަށް މުސްލިމް މުޖުތަމައު ހޭލުންތެރިވުމެވެ. ކޮންމެ މީހަކީވެސް މައިމީހާއަށް ޚިދުމަތްކުރަން މާތްﷲ އެންގެވި ގޮތުގައި ޚިދުމަތްކުރާ މީހެއް ކަމުގައި ލެއްވެވުމެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން