މައުމޫންގެ ޞިއްޙީ ހާލުކޮޅު ގޯސްވުމުން މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކުރުމަށް އެދިއްޖެ

ކިޔުމަށް ހޭދަވާނީ 2މ 12ސ
މައުމޫންގެ ޞިއްޙީ ހާލުކޮޅު ގޯސްވުމުން މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކުރުމަށް އެދިއްޖެ

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޞިއްޙީ ހާލުކޮޅު ގޯސްވެފައިވާކަމަށް ބުނެ މިއަދު ބާއްވަން ތާވަލުކޮށްފައިވާ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގެންފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މެންދުރުފަހު 3:00 ގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ، ފުލުހުންގެ ތަހުޤީޤަށް ރައީސް މައުމޫންގެ ފޯނުކޮޅު ހަވާލުކޮށްފައިނުވާތީކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅިކަމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ.

މައުމޫންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ މެންދުރު ފަހުން ފެށިގެން ރައީސް މައުމޫންގެ ހާލަތު ގޯސްވެފައިވާ ކަމަށެވެ. އަދީ އެއީ މިދިޔަ 10 ދުވަހުގެ ތެރޭގައި ޞިއްޙީ ހާލަތު ގޯސްވި ތިންވަނަ ފަހަރުކަމަށްވާތީ، އެމަނިކުފާނުގެ ޞިއްހީ ހާލަތަށް ރިއާޔަތްކޮށް މިއަދުގެ ޝަރީއަތް ކެންސަލްކޮށްދިނުމަށް މިއަދު ހެނދުނު ކްރިމިނަލް ކޯޓަށް އެދިފައިވާ ކަމަށެވެ.
ރައީސް މައުމޫންގެ ޢާއިލާއިން ބުނި ގޮތުގައި، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެމަނިކުފާނު އުޅުއްވަނީ "ބިނައިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނަމަކަށް ކިޔާ ބައްޔެއް ޖެހިގެންނެވެ. އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ.

މިކަމާ ގުޅިގެން، މައުމޫން ގޭބަންދަށް ބަދަލުކޮށްދިނުމަށް ވެސް އެމަނިކުފާނުގެ ޢާއިލާއިން ވަނީ އެތައް ފަހަރެއް މަތިން ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ. އެހެން ނަމަވެސް، ޝަރީއަތުގެ އަޑުއެހުމެއްގައި ޤާޒީ ހައިލަމް ވަނީ މައުމޫންގެ ބަންދު ރިވިއުކުރަންޖެހޭ ތަނެއް ނެތްކަމަށް ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން މީގެ ކުރިން ވެސް އެތައް ފަހަރެއް މަތިން އެމަނިކުފާނުގެ ޝަރީއަތްތަކުގެ އަޑުއެހުންތަކެއް ވަނީ ކެންސަލްކޮށްފައެވެ.
އަދުލު އިންސާފު ޤާއިމްކުރަން ހުރަސް އެޅިކަމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން ރައީސް މައުމޫންގެ މައްޗަށް އުފުލައިފައިވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި މައުމޫން ހައްޔަރުކުރެއްވީ ފަނޑިޔާރުންތަކަކަށް ރިޝްވަތު ދެއްވައި، ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައެވެ.
މިއަދު އޮންލައިން