ޕާކިސްތާން އެމްބަސީގެ ފަރާތުން ރާއްޖޭގެ 30 ސްކޫލަކަށް ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޕާކިސްތާނު އެމްބަސީގެ ފަރާތުން ރާއްޖެއަށް ލެޕްޓޮޕްތައް ހަވާލުކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަސީމް އަކްރަމެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ލެޕްޓޮޕްތަކާ ހަވާލުވެވަޑައިގަތީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ނަޒީރެވެ.

ޕާކިސްތާންގެ "ޖިނާހު ލެޕްޓޮޕް ސްކީމް" ގެ ދަށުން މިއަދު ރާއްޖޭގެ 30 ސްކޫލަކަށް ލެޕްޓޮޕްތައް ހަދިޔާކޮށްފައިވަނީ، ކޮންމެ ސްކޫލަކަށް ލެޕްޓޮޕެކެވެ. އެއީ އެ ކޮންމެ ސްކޫލެއްގެ ވެސް މިދިޔަ އަހަރު މަތީ ސާނަވީއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވޭ ދަރިވަރަށް ހަދިޔާކުރުމުގެ ގޮތުން ޕާކިސްތާން އެމްބަސީއިން އެ ސްކޫލްތަކަށް ހަދިޔާކޮށްޕައިވާ ލެޕްޓޮޕްތަކެވެ.

ޕާކިސްތާން އެމްބަސީއިން މިދިޔަ އަހަރު ވަނީ އެ ސްކީމްގެ ދަށުން ރާއްޖޭގެ ވެރިރަށް މާލޭގައި ހުންނަ 15 ސްކޫލަކަށް ލެޕްޓޮޕް ހަދިޔާކޮށްފައެވެ. އެ ފަހަރު ވެސް މާލޭގެ 15 ސްކޫލަކަށް ޕާކިސްތާނު އެމްބަސީން ލެޕްޓޮޕްތައް ހަދިޔާކޮށްފައިވަނީ، އެއިން ކޮންމެ ސްކޫލެއްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އޭގެ ކުރީ އަހަރު ހޮވިފައިވާ ދަރިވަރަށް ހަދިޔާކުރުމަށެވެ.

ނަމަވެސް ޕާކިސްތާން އެމްބަސީއިން މި އަހަރު ރާއްޖޭގެ 30 ސްކޫލަކަށް ލެޕްޓޮޕް ހަދިޔާކުރީ އަތޮޅުތެރޭގައި މަތީ ސާނަވީ ތައުލީމު ފޯރުކޮށްދޭ ސްކޫލްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.ނަޒީރު ވިދާޅުވިއެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ވެސް ޕާކިސްތާންގެ އެ ލެޕްޓޮޕް ސްކީމްގެ ދަށުން ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކުރާނެކަމުގެ ޔަޤީންކަން ޕާކިސްތާން ސަފީރު ވަސީމް އަކުރަމް ވަނީ ދެއްވައިފައެވެ.