ރައްޔިތުންގެ މަޖިލީހުގެ ކެންދޭ ދާއިރާގެ މެންބަރު ޢަލީ ހުސައިނަށް އަނެއްކާ ވެސް ވަކީލަކު ހަމަޖައްސަން ދެ ދުވަހުގެ މުއްދަތެއް ދޭން ނިންމައި، އެއީ އޭނާއަށް ދޭނެ އެންމެ ފަހު ފުރުސަތު ކަމުގައި ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ޢަލީ ހުސައިނަށް ވަކީލަކު ހަމަޖައްސަން އަލުން ފުރުސަތު ދީފައިވަނީ، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅިކަމުގެ ދައުވާއާ ގުޅިގެންނެވެ.
ޢަލީ ހުސައިންގެ މައްޗަށް ދައުލަތުން އެ ދައުވާ އުފުލާފައިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީސް ބަންދުކޮށްފައިވަނިކޮށް، އިތުރު މެންބަރުންތަކަކާއެކު ގަދަކަމުން މަޖިލީހަށް ވަންނަން އުޅުނު މައްސަލައިގައެވެ. ޢަލީ ހުސައިންގެ އިތުރުން އިދިކޮޅު 12 މެންބަރެއްގެ މައްޗަށް ދައުލަތުން ވަނީ އެ މައްސަލައާ ގުޅިގެން ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅިކަމުގެ ދައުވާ އުފުލައިފައެވެ.
އެ ހުރިހާ މެންބަރުންގެ ޝަރީއަތް ވެސް އެއް ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމާފައިވީ ނަމަވެސް، އެހެން މެންބަރުންނާ ޚިލާފަށް ޢަލީ ހުސައިނަށް ވަކީލަކު ހަމަޖެއްސިފައި ނެތުމުން މިދިޔަ ޖެނުއަރީ މަހު ވެސް އޭނާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން ފުރުސަތު ދެއްވައިފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޢަލީ ހުސައިން ވިދާޅުވީ ވަކީލަކު ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް އަޑުއެހުން ފެށުމުގެ ކުރިން ފޯމު ނުލެވުނީކަމަށެވެ. އެހެންވެ ދެން އޮންނަ ޝަރީއަތަކަށް ވަކީލަކާއެކު ވަޑައިގަންނަވާނެކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޤާޒީ އާދަމް އާރިފު ވިދާޅުވީ އަންނަ އަންގާރަ ދުވަހު އޮންނަ އަޑުއެހުމަށް ޢަލީ ހުސައިން ވަޑައިގަންނަންވަންވާނީ ވަކީލަކާއެކުގައި ކަމަށާއި އެއީ ވަކީލަކު ހަމަޖައްސަން ޢަލީ ހުސައިނަށް ދޭނެ ފަހު ފުރުސަތު ކަމަށެވެ. އެ ދުވަހުގެ އަޑުއެހުމަށް ވަކީލަކާ ނުލައި ހާޒިރުވެވަޑައިގެންފިނަމަ މައްސަލަ ކުރިއަށް ގެންދާނީ ވަކީލަކާ ނުލައިކަމަށް ޤާޒީ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެނަމަ، 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެ ހުކުމް މެންބަރުންގެ މައްޗަށް އަޔަސް، މަޖިލީހުގެ މެންބަރުކަމެއް ނުގެއްލޭނެއެވެ. އެހެން ނަމަވެސް ޖަލު ހުކުމުގެ މުއްދަތުގައި މެންބަރުންނަކަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެއެވެ.
ޤާނޫނުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނީ މެންބަރުގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެއް އައުމުންނެވެ.