ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ އެހީތެރިޔާގެ މަޤާމަށާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަޤާމަށް ބޭފުޅުން އައްޔަންކޮށްފިއެވެ.
އަމީން އާންމުގެ އެހީތެރިޔާގެ މަޤާމަށް އައްޔަންކުރެއްވީ ހަންނާނު ހުސައިނެވެ. ހަންނާނުގެ އިތުރުން މިހާރު ވެސް އަމީން އާންމުގެ އެހީތެރިޔާގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވައެވެ. އެއީ ހާމިދު ޒަކަރިއްޔާއާއި މުހައްމަދު ރަޝީދެވެ.
ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަޤާމަށް އައްޔަންކުރެއްވީ އަހުމަދު ފާއިޒު މުހައްމަދެވެ. ކުރިން އެ މަޤާމުގައި ހުންނެވީ މިހާރު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ފަޒުލް ރަޝީދެވެ. 2015 ވަނަ އަހަރުގެ ތެރޭގައި ފަޒުލް އެމްޑަބްލިޔުއެސްސީއާ ހަވާލުވިފަހުން އެ މަޤާމު އޮތީ ހުހަށެވެ.
އަމީން އާންމުގެ އެހީތެރިޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި މަހަކު 28،000 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ، އަދި ފޯން އެލަވަންސްގެ ގޮތުގައި 1000 ރުފިޔާ ލިބެއެވެ. އޭގެ އިތުރުން، ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކު 100 ރުފިޔާގެ އެލަވަންސަކާއެކު އިތުރު ގަޑީގެ ފައިސާ ވެސް ލިބެއެވެ.
ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަޤާމަށް މުސާރައިގެ ގޮތުގައި 25،000 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 3،500 ރުފިޔާ، އަދި ފޯން އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާ ލިބެއެވެ. އޭގެ އިތުރުން، ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހު 100 ރުފިޔާގެ އެލަވަންސަކާއެކު އިތުރު ގަޑީގެ ފައިސާ ވެސް ލިބެއެވެ.