މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ބައިވެރިވެފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ސަރުކާރެއްގައި ރަސްމީ މަސައްކަތް ފަށާނީ ހެނދުނު 6:30 ގައި ކަމަށް ވިދާޅުވެއްޖެއެވެ. އަދި ހަތަރެއް ޖަހަންދެން މަސައްކަތް ކުރައްވާނެ ކަމަށާއި ވެރިކަމުގެ ފަސް އަހަރުން ހަތް އަހަރު މަސައްކަތް ކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރަށް ތާއީދު ކުރާ ފަރާތްތަކުން އިންތިޒާމްކޮށްގެން ރޭ ބޭއްވި މާހެފުމެއްގައި ވާހަކަ ދައްކަވުމުން އުމަރު ވިދާޅުވީ، 2013 ވަނަ އަހަރު އޭނާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދިގުކުރެއްވީ ހުދު ވަލެއް ކަމަށެވެ. އަދި މިދަނޑިވަޅަކީ ވޯޓު ބޭނުން ކޮށްގެން ރާއްޖެއަށް ހުދު އިންގިލާބެއް ގެންނަން ޖެހޭ ވަގުތެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ މިފަހަރު ގެންނާނީ ހުދު އިންގިލާބެއް ކަމަށާއި އެއިންގިލާބަކީ ތެދުވެރިކަމާ އަމާނާތްތެރިކަމާ މުރާލިކަމުގެ އިންގިލާބެއް ކަމަށެވެ. އެއިންގިލާބަކީ މީހުންގެ ސިކުނޑިތަކަށް ގެންނަން ޖެހޭ އިންގިލާބެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.