މެންބަރު ފާރިސްއާއި ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމެއް މިއަދު

ކިޔުމަށް ހޭދަވާނީ 1މ 42ސ
މެންބަރު ފާރިސްއާއި ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމެއް މިއަދު
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ޢަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 ގައެވެ.

ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައިވަނީ އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން، ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން ޢަލީ ހަމީދު އުޅުނުކަމަށް ތުހުމަތުކޮށެވެ.

އޭގެ އިތުރުން، ޢަލީ ހަމީދުގެ މައްޗަށް ވަނީ ފަނޑިޔާރުންގެ މައްޗަށް ނުފޫޒުފޯރުވިކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވެ، 1 އަހަރާއި 7 މަހާއި 7 ދުވަހަށް ޖަަލަށްލުމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ. ޢަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ ދައުވާ ސާބިތުވެ އެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ޢަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:00 ގައެވެ.

ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް މެންބަރުންތަކަކަށް ރިޝްވަތުދިންކަމަށާއި، މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ފާރިސް ބައިވެރިވިކަމަށާއި، އެ އަމުރު ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމަށް ވެސް ވެއެވެ. ފާރިސް ވަނީ މި ދައުވާއަށް އިންކާރުކުރައްވައިފައެވެ.
މި ދައުވާގެ އިތުރުން، ފާރިސްގެ މައްޗަށް ޝަޚްޞް އޮޅުވާލުމުގެ ދައުވާއެއް ވެސް ދައުލަތުން ވަނީ އުފުލައިފައެވެ.

މިއަދު އޮންލައިން