ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫއުގެދަށުން އެމްޑަބްލިޔޫއެސްސީން އިމާރާތްކުރާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަން އިފްތިތާޙްކޮށްދެއްވީ އެކުންފުނީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ ޗެއަރމަން އަހްމަދު ނާޞިރު (މައްލާ ނާޞިރު) އެވެ.

މި ރަސްމިއްޔާތުގައި އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ މި މަޝްރޫއަކީވެސް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތައް ފަދައިން ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އިތުރު ފިޔަވައްސެއް ކަމަށެވެ.

ފަޒުލް ވިދާޅުވީ އެމްޑަބްލިޔޫއެސްސީން އިމާރާތް ކުރާ 15 ބުރީގެ 2 އިމާރާތުގެ މަސައްކަތް 2 އަަހަރުތެރޭގައި ނިންމައިލެވޭނެ ކަމަށާއި މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުޞަތު ކޮންމެ މުވައްޒިފަކަށް ވެސް ޢާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.
312 ފްލެޓް ގެ ތެރޭގައި ހިމެނޭ 1 ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ 805،000 ރުފިޔާއެވެ. 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ 1.4 މިލިއަން ރުފިޔާއެވެ. 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ 1.6 މިލިއަން ރުފިޔާއެވެ. އެއީ އިތުރު 830 އަކަފޫޓުގެ ފްލޮރ ސްޕޭސްއަކާއި އެކުގައެވެ.

ފަޒުލް ވިދާޅުވީ މުވައްޒިފުންނަށް ވީހައި ހެޔޮ އަގެއްގައި ފްލެޓް ދިނުމަށްޓަކައި ފްލެޓްތަކުގެ އަގުތައް ހަމަޖައްސާފައިވަނީ އިމާރާތްކުރުމުގެ އަގަށް އިދާރީ ބޭނުންތަކަށްޓަކައި ހަމަ އެންމެ ޕަސަންޓެއް އިތުރުކުރުމަށްފަހުގައި ކަމަށެވެ.

ފަޒުލް ވިދާޅުވީ މުވައްޒިފުންނަށް ވީހައި ފަސޭހަކަމާއެކު ފްލެޓް ލިބޭނެ ގޮތް ހަަމޖެއްސުމަށްޓަކައި ތަފާތު ސްކީމްތައް ކުންފުނިން ފަހިކޮށްދީފައިވާނެ ކަމަށެވެ. އެއިގެތެރޭގައި 12 އަހަރުން ލޯނު އަނބުރާ ކުންފުންޏަށް ދެއްކޭނެ ސްކީމެއްވެސް ހިމެނޭ ކަމަށެވެ.