ސިޓީއިން އިނގިރޭސި ޕްރެމިއާ ލީގުގައި 100 ޕޮއިންޓް ހަމަކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 36ސ
ސިޓީއިން އިނގިރޭސި ޕްރެމިއާ ލީގުގައި 100 ޕޮއިންޓް ހަމަކޮށްފި


އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ސައުތެމްޓަން ބައްދަލުކުރި މެޗުން ސިޓީ މޮޅުވެ، ލީގު ތާވަލުގައި ސިޓީއިން 100 ޕޮއިންޓް ހަމަކޮށްފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ސައުތެމްޓަންގެ މައްޗަށް ސިޓީއިން ކުރިހޯދީ 0-1 ގެ ނަތީޖާއިންނެވެ. ފުރަތަމަ ހާފު ފެށިގެން ވެސް ސިޓީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނި، ލަނޑު ޖަހާނެ ރަނގަޅު ފުުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފު ނިމިގެންދިޔައީ ސިޓީއަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފި، 0-0 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ސިޓީއިން ވަނީ ކުޅުން ވަރުގަދަކޮށް ސައުތެމްޓަންގެ ޑިފެންސަށް ޕްރެސާކޮށްފައެވެ. އަދި ސިޓީގެ ފުރުސަތުތައް ނާކާމިޔާބު ކުރުމުގައި ސައުތެމްޓަންގެ ޑިފެންސުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ސިޓީއަށް ކާމިޔާބުކޮށްދިނީ މެޗު ނިމެންދަނިކޮށް ގެބްރިއަލް ޖީސަސްއެވެ. ޖީސަސް މި ލަނޑު ކާމިޔާބުކުރީ ސިޓީގެ މިޑްފީލްޑަރ ކެވިންޑެ ބްރައިން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މި ސީޒަންގެ އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅޭ ފަހުން މެޗުން ސިޓީ މޮޅުވެގެން އެ ޓީމު ލީގުގެ އެއްވަނައިގައި އޮތީ 100 ޕޮއިންޓާއެކުގައެވެ. މިއީ އިނގިރޭސި ޕްރެމިއާ ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި ޓީމަކުން 100 ޕޮއިންޓް ހަމަކުރި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗަށް ނުކުތުގެ ކުރިން ވެސް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ސިޓީއިން މި ސީޒަންގެ ލީގު ނިންމާލީ ގިނަ ރެކޯޑްތަކާއެކުގައެވެ. އެގޮތުން، މި ސީޒަންގެ ލީގުގައި 32 މެޗުން ސިޓީ މޮޅުވެފައިވާއިރު، މިއީ އެއް ސީޒަނެއްގައި އެންމެ ގިނަ މޮޅު ހަމަކުރި ޓީމުގެ ރެކޯޑެވެ. އޭގެ އިތުރުން، މި ސީޒަންގެ ލީގުގައި 106 ލަނޑު ކާމިޔާބުކޮށްގެން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ޓީމުގެ ރެކޯޑު ވެސް އޮތީ ސިޓީގެ އަތުގައެވެ.
މިއަދު އޮންލައިން