ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޔުވެންޓަސްއިން އިޓަލީ ލީގު ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 31ސ
ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޔުވެންޓަސްއިން އިޓަލީ ލީގު ކާމިޔާބުކޮށްފި

އިޓަލީ ލީގުގައި ރޭ ޔުވެންޓަސްއާއި އޭއެސް ރޯމާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުމާއެކު، ލީގުގައި ބާކީ އެއް މެޗު އޮއްވާ ޔުވެންޓަސްއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެއެވެ.
ލީގުގައި ބާކީ އެއް މެޗު އޮއްވާ ޔުވެންޓަސްއާ ލީގު ކަށަވަރުވީ، ދެން ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ލީގުގެ ދެވަނައިގައި އޮތް ނަޕޯލީއަށް ޔުވެންޓަސްއާ އަރައި ހަމަނުކުރެވޭނެތީއެވެ. އިޓަލީ ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 92 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 88 ޕޮއިންޓެވެ.

ރޯމާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރޯމާއާއި ޔުވެންޓަސް، ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަ ފޯރިގަދަ ކުޅުމެކެވެ. އެ ގޮތުން، ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭނުން ހިފޭގޮތް ނުވެފައެވެ. ވަކިން ޚާއްޞަކޮށް، ރޯމާގެ އެޑިން ޖެކޯއާއި ޔޮރެންޖޯ ޕެލެގްނިރީގެ އިތުރުން، ޔުވެންޓަސްގެ ޕައުލޯ ޑީބަލާއާއި ގޮންޒާލޯ ހިގުއައިންއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ރޯމާގެ ރަޖާ ނައިންގޮލާންއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑެއް ދައްކައި މެޗުގެ ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލައިފައެވެ. މެޗުގެ ބާކީ ބައި ރޯމާއަށް ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި ސީޒަންގެ ލީގު ޗެމްޕިއަންކަން ޔުވެންޓަސްއަށް ކަށަވަރުވުމާއެކު، އެ ޓީމުން ވަނީ ޖެހިޖެހިގެން ހަތްވަނަ ފަހަރަށް އިޓަލީ ލީގު ކާމިޔާބުކޮށްފައެވެ. މިއީ ޖެހިޖެހިގެން ހަތް ފަހަރު އެއް ޓީމަކުން އިޓަލީ ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އިޓަލީ ލީގުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމު ޔުވެންޓަސްއިން މިއީ އިޓަލީ ލީގު ކާމިޔާބުކުރި 34 ވަނަ ފަހަރެވެ.

މިއަދު އޮންލައިން