ކޮލަމާފުށީ ކައުންސިލް ތިޖޫރީ ފަޅާލައި ރޯދަ މަހު އިނާޔަތުގެ ފައިސާ ވަގަށް ނަގައިފި
ގއ.ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި އެ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދޭންޖެހޭ ރޯދަމަހުގެ އިނާޔަތުގެ ފައިސާ ހިމެނޭގޮތަށް، ދެ ލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފިއެވެ.
ގއ.ކޮލަމާފުށި ކައުންސިލް މެންބަރަކު ވިދާޅުވީ ތިޖޫރީ ފަޅާލީ ރޭގެ ވަގުތެއްގައިކަމަށް ބެލެވޭކަމަށާއި ތިޖޫރީ ފަޅާލާފައިވާކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ނުކުތުމުން ކަމަށެވެ.
ތިޖޫރީގައި ހުރި ހުރިހާ ފައިސާއެއް ވަގަށް ނަގާފައިވާކަމަށާއި އޭގެތެރޭގައި ކައުންސިލް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް އޮތް 122000 ރުފިޔާ ވެސް ތިޖޫރީގައި ވާނެކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ އޭގެ އިތުރުން ވެސް ތިޖޫރީގައި ފައިސާ ހުންނާނެކަމަށާއި ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ ތިޖޫރީގައި ހުންނާނެކަމަށެވެ.
ކައުންސިލް އިދާރާގެ ތިޖޫރީގެ އިތުރުން އެ އިދާރާގައި ބަހައްޓާފައި ހުރި މިސްކިތު ފަންޑު ފޮށީގައި ހުރި ފައިސާތައް ވެސް ވަގަށް ނަގައިފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުން ދަނީ މައްސަލަ ތަހުޤީޤު ކުރަމުންނެވެ.