ފަތިހު ކުދިން ހޭލެއްވީމާ ގެއްލުން ލިބޭނެކަމަށް ޤަބޫލުކުރުމަކީ ﷲގެ އެންގެވުމަށް ކުރާ ޗެލެންޖެއް- އެކަން ކާމިޔާބެއް ނުވާނެ!
މާތްﷲ އަންގަވާފައިވަނީ އުމުރުން 7 އަހަރުވުމުން ނަމާދުކުރުވުމަށެވެ. 10 އަަހަރުވުމުން މަޖުބޫރުކުރުވައިގެންވެސް ނަމާދުކުރުވުމަށެވެ. އުމުރުން 30 އަަހަރުވަންދެން ފަތިސް ނަމާދު ނުކުރުމަށާއި ނުކުރުވުމަށް އަންގަވާފައެއް ނެތެވެ. ބާލިޣްވުމަށްފަހު ނަމާދަށް ދާނީ ދަރަމުންނެވެ. ނަމާދު ނުކޮށްގެން ﷲއަށް ދަރަން ފަށަނީ އުމުރުން 18 އަަހަރުވުމަކުން ނޫނެވެ. ބާލިޣްވާ ހިސާބުންނެވެ.
ދެން އޮތީ ކުދިންގެ ނިދީގެ މައްސަލަ އެވެ. ކުދިން ފަތިހު ހޭލެއްވީމާ ނިދި ހަމަނުވެގެން އުޅެންޖެހެނީ ނިދަންޖެހޭ ގަޑީގައި ނުނިންދަވާތީއެވެ. ފިލްމު ބެލުމާއި ގޭމްކުޅުމާއި އަދި އެނޫން ވެސް ކަންކަމުގައި ހޭލައި ބައިތިއްބާތީއެވެ.
ދެން އޮތީ ފިލާވަޅު ދަސްކުރުމެވެ. ރޭގަނޑުގެ އިރާކޮޅުން ފެށިގެން ދަންވަރު 12 ޖަހަންދެން 4 ގަޑިއިރު ހޭލާ ބައިންދައިގެން ފިލާވަޅު ދަސްކުރުވަން މަސައްކަތްކުރުމާއި ފަތިހު ތެދުވެ އެންމެ އެއް ގަޑިއިރު ކުރާ މަސައްކަތާއި ނުބައްދަލުކަން ދިރާސާތަކުން އެނގެއެވެ. ވީއިރު ފިލާވަޅު ދަސްކޮށްދޭން ކުދިން ހޭލާ ބައިތިއްބަންވީ ހެއްޔެވެ؟ ނޫނީ އަވަހަށް ނިންދަވައި ފަތިހު ހޭލައްވަންވީ ހެއްޔެވެ؟
އަޅުގަނޑުމެންނަށް ޖެހިގެން މިއުޅޭ ބައްޔަކީ ފަތިހު ކުދިން ހޭލެއްވުމުގެ މައްސަލައެއް ނޫނެވެ. މައިންބަފައިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލެވެ. ރޭގަނޑު ކޮންމެވެސް ކަމެއްގައި މެންދަން ނުވަތަ އެއަށްވުރެ ފަސްވަންދެން ހޭލައި ގޭގައާއި ގެއިން ބޭރުގައި އުޅެމުން ދިއުމުގެ މައްސަލައެވެ. ކުދިން ނިންދަވަންޖެހޭ ގަޑިއަށް ނުނިންދެވުމުގެ މައްސަލައެވެ. މައިންބަފައިން ނުނިދުމުގެ މައްސަލައެވެ. މައިން ބަފައިން ނުނިދާ ހޭލައި ތިބޭތީ ފަތިހު ހޭނުލެވޭ މައްސަލައެވެ.
ހަމައެއާއިއެކު އިތުރު މައްސަލައެއްވެސް ކުރިމަތިވެއެވެ. ކުދިން ނިންދަވަންޖެހޭ ގަޑީގައި ނިންދަވަން ބޭނުންވި ނަމަވެސް އެއް ކޮޓަރިއެއްގައި ގިނަ ބައަކު އުޅެންޖެހުމާއި އެހެން މީހުންގެ އަޑުފަށްގަޑާއިހުރެ ކުދިންނަށް ރަނގަޅަށް ނުނިދުމުގެ މައްސަލަވެސް އެބައޮތެވެ. ނަމަވެސް ބޮޑަށް ކުރިމަތިވެގެން މިއުޅެނީ މައިން ބަފައިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުގެ މައްސަލައެވެ.
މިކަމަށް ފާޑުކިޔޭނެ އަދި ކިޔަން އެނގޭނެ ސައިންސްވެރިންނެއް ނުތިބޭނެއެވެ. އެހެނީ ފަތިހު ހޭލުމަށް އަމުރުކުރައްވަވާފައިވަނީ އެ ސައިންސްވެރިން އުފައްދަވައި އަދި އެމީހުންނަށް ޢިލްމުވެސް ދެއްވެވި މާތްﷲ ކަމަށްވާތީއެވެ. ޜޭގަނޑު ހޭލައި އުޅޭ މުޖުތަމައުއެއްގެ ތެރެއިން ސައިންސްވެރިން ކުރާ ދިރާސާއަކީ މުސްލިމުން ބަލައިގަންނަން ޖެހެންވީ ދިރާސާއެއް ނޫނެވެ. މުސްލިމުން ބަަލައިގަންނަން ޖެހޭނީ މުސްލިމުން ދިރިއުޅެން މާތްﷲ އެންގެވި ގޮތަށް ދިރިއުޅޭ މުސްލިމް މުޖުތަައުއެއްގެ ތެރެއިން ކުރެވޭ ދިރާސާއެވެ. އެފަދަ ދިރާސާއެއް މާތްﷲގެ އެންެގެވުމަކާއި އެއްވެސްވަރަކަށް ތަޢާރަޒެއް ނުވާނެއެވެ. އެހެނީ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމެއް އަދި މިހައިތަނަށް ދޮގުކުރެވިފައެއް ނެތެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ނުވެސް ކުރެވޭނެއެވެ. އެއީ ކީރިތި ޤްރްއާނުގެ މުޢްޖިޒާތްތަކުގެ ތެރެއިން ހިމެނޭ އެންމެ ބޮޑު އެއް މުޢުޖިޒާތެވެ.
ވީމާ މާތްﷲގެ އެންގެވުންތަކާއި ފުށުއަރާ އާދަތައް ޕްރަމޯޓްކުރަން އުޅުމަކީ މުސްލިމުންނަށް ކުރަން ހުއްދަ އޮތް ކަމެއް ނޫނެވެ. އެފަދަ ކަމެއް ކުރާނަމަ އެކަން ވާނީ މާތްﷲގެ ޙަޟްރަތަށް ގޮންޖެހުން ފަދަ ކަމަކަށެވެ. މުސްލިމުން އެފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ.