ކުރީގެ ޕީޖީ މުހުތާޒު އޭޑީކޭގައި އެޑްމިޓްކޮށްފި
ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މުހުތާޒު އޭޑީކޭގައި މިއަދު އެޑްމިޓްކޮށްފައިވަނީ، މައިބަދައަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ފަރުވާގެ ގޮތުގައި ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށެވެ. އަދި އެ އިންޖެކްޝަން ޖެހުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބެއެވެ.
މުހުތާޒުގެ ގަޔަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އިންޖެކްޝަން ޖަހާފައިވާކަން އެނގެއެވެ.
ޖަލު ހުކުމް ތަންފީޒުކުރުމަށް މުހުތާޒު ޖަލުގައި ހުންނަވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މުހުތާޒުގެ ޞިއްޙީ ހާލަތާމެދު އޭނާގެ ޢާއިލާއިން ވަނީ އެތައް ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގޮތުން، ސްޕެޝަލް ޕްރޮޓެކްޝަން ވެސް އެންމެ އެދެވޭ ގޮތުގައި އޭނާއަށް ހަމަޖައްސައިދީފައިނުވާކަން ވެސް ޢާއިލާއިން ވަނީ ކުރިން ބުނެފައެވެ.
މުމްތާޒު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ، ޤާނޫނާ ޚިލާފަށް ރައީސްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަން މުހުތާޒު އުޅުނުކަން ސާބިވުމާ ގުޅިގެންނެވެ. މި މައްސަލާގައި މުހުތާޒުގެ މައްޗަށް އިއްވާފައިވަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.