ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލުތައް ހުއްޓުވުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނި ކަމަށާއި އެހުއްދަ އަލުން ދީފައިވާކަމަށް އެމަނިކުފާނުގެ އާއިލާއިން މިއަދު ބުނެފިއެވެ.
ރައީސް މައުމޫންގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ރައީސް މައުމޫންގެ އާއިލީ ބައްދަކުވުންތައް މިހިނގާ މެއި މަހުގެ 28 އާއި ހަމައަށް މެދުކަނޑާލިކަން އާއިލާއަށް ފުލުހުން އެންގިއެވެ. ނަމަވެސް އިރުކޮޅެއްފަހުން އެމަނިކުފާނުގެ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލުތަކަށް ހުއްދަ ދިންކަން ފުލުހުން އަންގާފައިވާ ކަމަށް ރައީސް މައުމޫންގެ އާއިލާއިން ބުނެފައިވެއެވެ.
ރައީސް މައުމޫންގެ އާއިލާގެ ގާތް ބޭފުޅަކު މިއަދު ވިދާޅުވީ އެމަނިކުފާނުގެ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލްތައް ހުއްޓުވި ސަބަބުން އޮޅުންފިލުވުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވަރަށް ގިނަ މުއައްސަސާތަކަށް ގުޅުއްވިއެވެ.
"ބައްދަލުވުން ހުއްޓުވި ވާހަކަ މީޑިއާގައު ޖެހިމަ އެންގީ އޮޅުމަކުންވީ ކަމެއް ކަމަށް. އަލުން ފޯމު ހުށަހެޅީމަ މާދަމާއަށް އާއިލީ ބައްދަލުވުން ހަމަޖައްދައިދީފި" ރައީސް މައުމޫންގެ އާއިލާގެ ގާތް ބޭފުޅާ ވިދާޅުވިއެވެ.