ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަައަކަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ގެ އަތުލިޔުމުގެ ސާމްޕަލް ނަގަން ނިންމާފައިވާކަން އަންގައިފިއެވެ.
ވެރިކަން ވައްޓާލަން ބަޔަކަށް ރިޝްވަތު ދިން ކަމަށް ބުނެ ފުލުހުން ޔުމްނާގެ މައްޗަށް ކުރާ ތުހުމަތުގައި، ވަކީލަކާއިއެކު އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުވެ ޔުމްނާވަނީ އެމައްސަލައިގައި ބަޔާނެއް ދެއްވާފައެވެ.
ބަޔާން ދެއްވުމަށްފަހު ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެން މައުލޫމާތު ދެއްވަމުން ޔުމްނާ ވިދާޅުވީ، އެތުހުމަތުތަކަށް އިންކާރު ކުރާ ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
ޔުމްނާގެ ވަކީލު ވިދާޅުވީ އެކަމަނާގެ އަތުލިޔުމުގެ ސާމްޕަލް ނަގަން އިއްޔެ ފުލުހުން ބޭނުންވި ކަމަށެވެ. ނަމަވެސް ކޯޓުއަމުރެއް ނެތުމުގެ ސަބަބުން ނުނެގުނު ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން މިއަދުގެ ވަގުތެއްގައި ފުލުހަށް ހާޒިރުވެ ސާމްޕަލް ދޭން ފުލުހުން މިހާރު އަންގާފައިވާ ކަމަށް ވެސް ޔުމްނާގެ ވަކީލު ވިދާޅުވެފައިވެއެވެ.