ޙުކުމް ނުކޮށް ތިބި މީހުންނާ އިސްތިއުނާފް މަރުހަލާގަ ތިބި މީހުންނަށް ރަމަޟަން މަހަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވުން ކީއްތޯ؟
މިއަހަރުގެ ރަމަޟަން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށްވުމުގެ ފުރުޞަތު އޮތްއިރު ރަމަޟާން މަހަށްޓަކައި ނަމަވެސް ރާއްޖޭގެ ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން ޙުކުމް ނުކޮށް ތިބި މީހުންނާއި އިސްތިއުނާފް މަރުހަލާގައި ތިބި މީހުންނަށް ރަމަޟާން މަހަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވައި ގޭބަންދަށް ބަންދަލުކޮށްދެއްވުން ކީއްތޯއެވެ؟
ރަމަޟާން މަހަކީ އެމަހެއްގައި އެންމެ ގިނަ މީހުން މާތްﷲ ނަރަކައިން މިނިވަން ކުރައްވަވާ މައްސަރުކަމަށްވުމުން ރަމަޟާން މަހަކީ ދީލަތިކަން އެންމެ ބޮޑުކުރަންޖެހޭނެ މައްސަރުކަން އެނގިގެންދެއެވެ. ހަމައެއާއިއެކު ރަމަޟާން މަހު ކުރާ ހެޔޮ އަމަލުތަކުގެ ސަވާބާއި ދަރުމަ އެހެން މަސްމަހަށްވުރެ އެތައް ގުނައަކަށް މާތްﷲ އިތުރުކުރައްވަވާނެކަން އެނގެން އޮތުމުން ރަމަޟާން މަހު ދީލަތިވުމަށް މާތްﷲ ލޯބިކުރައްވަވާ މިންވަރުވެސް އެނގިގެންދެއެވެ.
ރާއްޖޭގައި މިހާރު ފަށައިގެން ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ޤްރްއާން މުބާރާތް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އިސްލާމީ މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާޤިރުވެސް ވަނީ ރަމަޟާން މަހަކީ މަޢާފްކުރުމާއި ދީލަތިވުމުގެ މަސް ކަމަށް ހެދުމަށް އިލްތިމާސްކުރައްވައިފައެވެ.
ޖަލުގައި ތިބި ގިނަ އަދަދެއްގެ މީހުންނަކީ ތަފާތު އިލްޒާމްތައް ގަދަކަމުން އެމީހުންގެ ކިބައިގައި އަޅުވާފައި ތިބި މީހުން ކަމަށް އެމީހުންނާއިި އެީހުންގެ ޢާއިލާތަކުން ދަނީ ބުނަމުންނެވެ. އެމީހުންގެ ޝަރިޢަތްތައް ކުރިއަށް ގެންދާ ގޮތާއިމެދު ވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ދައުލަތުގެ އެއްބާރު ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވީަމަވެސް 1 ފެބްރުއަރީގެ ޙުކުމާއި ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތުން ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެހެންކަމުން މިހާރު ޖަލުތަކުގައި ތިބި ސިޔާސީ ޤައިދީންގެ ޒިންމާ އުފުލަން ސަރުކާރަށް ޖެހޭނެ ކަމަށް ޤާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޤިޔާމަތް ދުވަހަކީ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ހެޔޮ އަމަލުތައް މަދުވެގެން އުޅެންޖެހޭނެ ދުވަހެވެ. އެހެންކަމުން ހެޔޮ އަމަލެއް ކުރެވިއްޖެނަމަ އެކަމަށް ޙައްޤު ޖަޒާ މާތްﷲ ދެއްވަވާނެކަމާއި އެއީ ލިބޭނެ ނިއުމަތެއް ކަމާއިމެދު ޝައްކުކުރުމެއް ނެތެވެ.