ރޯދަ- ކެންސަރަށްވެސް ފަރުވާއެއް! ރޯދަ ހިފުމަށް އެމެރިކާގެ ސައިންސްވެރިން ހިއްވަރު ދީފި
އެމެރިކާގެ ބައޮލޮޖިސްޓުންތަކެއް ކުރި ދިރާސާއަކަށްފަހު މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ރޯދަ ހިފުމަކީ ހަށިގަނޑުގައި ހުންނަ ބައު ސެލްތައް އައުވެ، ކަމީނާވެފައި ހުންނަ ސެލްތައް މަރާމާތުވެ، ބޭނުންތެރި ސެލްތައް އިތުރަށް އުފެދޭ ކަމެއް ކަމަށެވެ.
މި ރިޕޯޓް ނެރެފައިވަނީ މީދަލާއި އެހެންވެސް ބައެއް ޖަނަވާރުތަކާއި އަދި އިންސާނުން ބޭނުންކޮށްގެން ކުރި ދިރާސާތަކަކަށްފަހުއެވެ.
"އަަހަރެމެންގެ ދިރާސާއިން އެނގުނީ މަރުވަމުން އަންނަ ސެލްތަކަށް ވެސް ރޯދަ ހިފުމުން ދިރުން އަންނަކަން. މުސްކުޅިވެފައިވާ ސެލްތައް ޒުވާންވާކަން. މުސްކުޅިންނަށްވެސް މިކަމުގެ ފައިދާކުރޭ. އަދި ޒުވާނުންނަށްވެސް ކުރޭ."
ސައިންސްވެރިން ބުނެފައިވަނީ ސެލްތަކަށް އިތުރު ދިރުން ގެނައުމަށްޓަކައި ޤަވާއިދުން ޯދަ ހިފުން މުހިންމު ކަމަށެވެ. ރޯދަ ހިފުން ހުއްޓާލައި ގިނަ ދުވަސްތައް ނުކުރުމުން ލިބޭ ފައިދާ ބޮޑު ކަމަށެވެ.
"އެނގުނު އެންމެ މުހިންމު އެއްކަމަކީ ގޮހޮރަށް ކުރާ ފައިދާ ބޮޑުކަން. ގޮހޮރުގައި ހުންނަ ހަލާކުވެފައިވާ އަދި ހަލާކުވަމުން އަންނަ ބައިތައް މަރާމާތުވެގެންދާކަން ދިރާސާއިން ވަނީ އެނގިފަ."
"މިއާއެކު އެނގުނު އެއްކަމަކީ ކެންސަރުބަލީގަ ކީމޯތެރަޕީ ނަގަމުން އަންނަ ބަލިމީހުންގެ ސެލްތަކަށް ލިބޭ ގެއްލުންވެސް ރޯދަ ހިފުމުން ފަރުވާލިބޭކަން." ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.
މި ރިޕޯޓުންވެސް އެނގިގެންދަނީ ރޯދަ ހިފުމުގެ މަތިވެރިކަމެވެ. ރޯދަ މަސް ދިއަ ނަމަވެސް ހޯމަ، ބުރާސްފަތީގަ އާއި މަހުގެ 3 ދުވަހު ރޯދަ ހިފުންމަތީގައި ދެމި ތިބުމުގެ މުހިންމު ކަމެވެ. މާދަމާ ނުވަތަ އަނެއް ދުވަހަކީ މިއަހަރުގެ ރޯދަ ހިފަންފަށަންޖެހޭއިރު މިއަދު މިފަދަ ރިޕޯޓެއް ހާމަކުރުމުން ސައިންސްވެރިންގެ ހިތުގައި ރޯދައަށް އޮތް ތައުރީފް ހާމަވެގެންދެއެވެ.