އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 29ސ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްޑީޕީއިން ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން އެކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ އެ ޕާޓީގެ ސެކްޓޭރިއަޓަށް ނުވަތަ އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީއަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް މިއަދު ހުޅުވާލާފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރާނެކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ، މިދިޔަ ދެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

ނަޝީދު ވަނީ "ޖަޒީރާ ރައީސް" ގެ ސްލޯގަންނަކާއެކު އެމަނިކުފާނުގެ ކެމްޕޭން ވެސް ފައްޓަވައިފައެވެ.

ރައީސް ނަޝީދަށް މި އަހަރުގެ އިންތިޚާބުގައި ބައިވެރިވުމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފަހު ވަގުތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އެ ޕާޓީން ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އޭގެ އިތުރުން ބޭރު ހަތަރު ޤައުމެއްގައި ވެސް ވޯޓު ފޮށިތައް ބަހައްޓަން ވަނީ އެ ޕާޓީން ނިންމައިފައެވެ.

އެމްޑީޕީއާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތްކުރަމުންދަނީ ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށެވެ.
މިއަދު އޮންލައިން