ދައުލަތަށް ގެއްލިފައިވާ 29.7 ބިލިއަން ރުފިޔާގެ ތެރެއިން 3 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލަ ބަލައި ނިމިއްޖެ: އަޒްލީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދައުލަތަށް ގެއްލިފައިވާ 29.7 ބިލިއަން ރުފިޔާގެ ތެރެއިން 3 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލަ ބަލައި ނިމިއްޖެ: އަޒްލީން
ދިވެހި ދައުލަތަށް ގެއްލިފައިވާ 29.7 ބިލިއަން ރުފިޔާގެ ތެރެއިން 3 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލަ ބަލައި ނިމިއްޖެ ކަމަށް ނޭޝަނަލް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް، ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަޒްލީން އަޙްމަދު ވިދާޅުވީ 25 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލަތައް މިހާރު ދަނީ ބަލަމުން ކަމަށެވެ.

އަޒްލީން ވިދާޅުވީ ބަލައިނިމިފައިވާ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓާއި ގުޅުންހުރި މައްސަލަތައް އެ ކޯޓަށް ފޮނުވާފައިވާ ކަމަށާއި އަދި ޖިނާއީ ތުހުމަތުތައް ހުރި މައްސަލަތަކުގައި ދައުވާ ކުރަން ޕިޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އަޒްލީން ވިދާޅުވީ ބަލަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި 20 ވަރަކަށް އަހަރުގެ ކުރީގެ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އަދި މިފައިސާތަކުން ބައެއް ރާއްޖެއިން ބޭރުގައި ހުރެދާނެ ކަމަށާއި އެގޮތަށް ހުރި ފައިސާ ހޯދުމަށް ވޯލްޑް ބޭންކާއި ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

މިހާރުވެސް ބައެއް ފައިސާ ލިބިފައިވާ ކަމަށާއި އިތުރު ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ. އަދި މައްސަލަތައް ބަލަމުން ގެންދަނީ މައްސަލަތައް ބަލަން ސަރުކާރުން އުފައްދާފައިވާ އޭސީސީ ފަދަ ކޮމިޝަން ތަކުން ކަމަށެވެ.

އަޒްލީން ވިދާޅުވީ މިސަރުކާރުގެ އެއްވެސް ކޮރަޕްޝަނެއް ނެތް ކަމަށާއި އެއްވެސް ސަރުކާރަކީ ކޮރަޕްޝަން ހިންގާ ސސަރުކާރެއް ނޫން ކަމަށެވެ. ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ މީހުން ކަމަށެވެ.

ނޭޝަނަލް އެސެޓް ރިކަވަރީ ކޮމިޝަނުގެ މުއްދަތަކީ 1 އަހަރު ދުވަސް ނަމަވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނުގެ މުއްދަތު އިތުރުކުރައްވާފައިވާ ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ. ކޮމިޝަނުގެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ 20 ވަނަ ދުވަހަށެވެ.
މިއަދު އޮންލައިން