މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހޯދި ދިވެހި ތިން ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެ ތިން ދަރިވަރުންނަކީ، މެތަމެޓިކްސްއިން އެއްވަނަ ހާސިލުކުރި އިސްކަންދަރު ސްކޫލްގެ ދަރިވަރު ހެންވޭރު ހުބަ މަރިޔަމް ހައިބާ ޢަބްދުﷲއާއި، މެރިން ސައިންސްއިން އެއްވަނަ ހާސިލުކުރި ތ.ކަނޑޫދޫ ސްކޫލްގެ ދަރިވަރު ކަނޑޫދޫ މިދިލިމާގޭ އަހުމަދު މިސްބާހު ޢަލީއާއި، ޓްރެވެލް އެންޑް ޓޫރިޒަމްއިން އެއްވަނަ ހާސިލުކުރި ޖަމާލުއްދީން ސްކޫލްގެ ދަރިވަރު ލ.ފޮނަދޫ ރަތްވިލާގޭ ނަސަމް ނަސީމެވެ.
އެ ތިން ދަރިވަރުންނަށް ރައީސް މިއަދު ތަހުނިޔާ ވިދާޅުވީ ކޮންމެ ދަރިވަރަކަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ސިޓީފުޅުތަކުގައި އެ ދަރިވަރުން ހޯދި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއްކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ދަރިވަރުން ތައުލީމީ ދާއިރާއިން އިތުރު ކާމިޔާބީއާއި ކުރިއެރުން ހާސިލްކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދޭނެކަމަށް ޔަޤީންކުރާކަމަށް ރައީސް ވިދާޅުވެފައިވާކަމަށެވެ.