މިސަރުކާރަކީވެސް އަދި ކުރީގެ އެއްވެސް ސަރުކާރަކީވެސް ކޮރަޕްޓް ސަރުކާރެއް ނޫން ކަމަށާއި ކޮރަޕްޓްވަނީ އެ ސަރުކާރެއްގައި މަސައްކަތްކުރާ ބައަކު ކަމަށް ނޭޝަނަލް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް، ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކާއިބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު އަޒްލީން ވިދާޅުވީ އެކޮމިޝަނުން ކުރަމުން ގެންދަނީ އެއްވެސް ސިޔާސީ މަސައްކަތްތަކެއް ނޫން ކަމަށާއި އެކޮމިޝަނުން ކުރަމުން ކުރަމުން ގެންދާ މަސައްކަތްތަކަކީ ހަމަ އެކަނި ދައުލަށް ލިބެންޖެހި ނުލިބިހުރި ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކަމަށެވެ.
އަޒްލީން ވިދާޅުވީ އެކޮމިޝަނުން އެއްވެސް ސިޔާސީ މީހެއްގެ ފަހަތުން ނުދުވާނެ ކަމަށެވެ. ނަމަވެސް ބަލަމުން ގެންދާ މައްސަލައަކާއި ގުޅިގެން ސިޔާސީ މީހަކު ހާޒިރުކުރަންޖެހިއްޖެނަމަ އެއީ މުޅިން ތަފާތު މައްސަލައެއް ކަމަށެވެ.
ކޮމިޝަނުން ބަލާ އެއްވެސް މައްސަލައަކާއި ގުޅިގެން އެއްވެސް ސިޔާސީ މީހަކާއި ސުވާލުކުރެވިފައިވާކަން، އަދި ބަލަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި އެއްވެސް ސިޔާސީ މީހަކު ހިމެނޭކަން ހާމަކުރައްވަން އަޒްލީން ވަނީ ދެކޮޅު ހައްދަވައިފައެވެ.
މިސަރުކާރުގެ ވެރިކަމުގައި ކޮރަޕްޝަނާއި ގުޅުންހުރި ތަފާތު ގިނަ ތުހުމަތުތަކެއް ކުރެވިފައިވީނަމަވެސް އަޒްލީން މިއަދުވެސް އެއިން އެއްވެސް މައްސަލައެއްގެ އެއްވެސް ތަފްޞީލެއް ނުދެއްވައެވެ. ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު މައްސަލަ ބަލަމުން ގެންދާ ކަމަށާއި އެހެން ކުންފުނިތަކަށް ކުރެވިފައިވާ ތުހުމަތުތަކުގެ މައްސަލަތައް ވެސް ބަލާނެ ކަމަށެވެ.