މާތް ﷲ އެންގެވި ގޮތަށް ތިމާ އަމަލުނުކޮށް އަދި މާތް ﷲ އެންގެވި ގޮތްތަކާއި ސީދާ ޚިލާފަށް ތިމާ އަމަލުކުރަމުން މާތް ﷲ އެންގެވި ގޮތަށް އަމަލުކުރަން އެހެން މީހުންނަށް ގޮވާލުމަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ އަމީން ޢާންމު އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިރޭ ވިދާޅުވީ މީހުން ލައްވައި ދޮގުހެކި ދިނުވުމާއި މީހުން ފްރޭމްކޮށް ހައްޔަރުކުރުވުމާއި އެއްވެސް ކުށެއް ނުކުރާ މީހުންގެ މައްޗަށް ބޮޑެތި ކުށްތައް ސާބިތުކުރުވައިގެން ޖަލުގެ ގޮޅިތަކުގައި ގެންގުޅުމަކީ މާތް ﷲ ނަހީ ކުރައްވަވާ ކަންކަން ކަމަށެވެ. ހަމަ އެއާއިއެކު ރައްޔިތުންގެ ޙައްޤުތަކަށް އަރަގަތުމާއި ވައްކަން ކުރުމާއި ނަހަމަ ގޮތުގައި ދައުލަތުގެ މިލްކިއްޔާތާއި ފައިސާ ބޭނުންކުރުމަކީވެސް މާތް ﷲ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކަމަށެވެ.
ސަމީރު ވިދާޅުވީ މީހަކު ކިތަންމެ ދިގު މުއްދަތަކަށް ޖަލުގައި ބަހައްޓަން ރާވައި ތަދުބީރުކުރަމުން ދިއަ ނަމަވެސް ތަޤްދީރުގެ ގަޑި ޖެހުމުން އެކަންކަން ބަދަލުވެގެންދާނެކަން މެލޭސިޔާއިން ވެސް މިއަދު ފެނިގެން ހިނގައްޖެ ކަމަށެވެ.
ސަމީރު ވިދާޅުވީ ޖަލުބަންދަށް ކުރި ޙުކުމުގައި ކިތަންމެ ދިގު މުއްދަތެއް އޮތް ނަމަވެސް އަންވަރު އިބްރާހީމް މިއަދު މިނިވަންވެވަޑައިގެން ގެއަށް ވަޑައިގަތީ އެތައް މިލިއަން ރައްޔިތުންގެ ލޯތްބާއި އިޙްތިރާމާއިއެކުގައި ކަމަށެވެ. މާދަމާ ސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައި ޚިދުމަތް ކުރައްވަން ފަށްޓަވާތަން ފެނިގެން ދިއުމަކީ އިބްރަތް ހާޞިލުކުރަންޖެހޭ ކަމެއް ކަމަށެވެ.