ދެ ފަނޑިޔާރުންގެ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 52ސ
ދެ ފަނޑިޔާރުންގެ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ޤަނޫނީ ޓީމުން ވިދާޅުވެފައިވަނީ، ދެ ފަނޑިޔާރުންގެ މައްޗަށް ވެސް އިއްވާފައިވާ ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އަބްދުﷲ ސައީދުގެ މައްޗަށް ސާބިތުވެ އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އޭގެއިތުރުން ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ އުއްތަމަ ފަނޑިޔާރާ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ މިމަހުގެ 10 ވަނަ ދުވަހު ހުކުމް ކޮށްފައެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ދައުލަތުން ވަނީ އެހެން ބައެއް ދައުވާތައް ވެސް އުފުލާފައެވެ.


މިއަދު އޮންލައިން