ދިވެހި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެމްއެމްޕީއާރްސީއާއި އިންޑޮނޭޝިއާގެ ގެކޯ ޑިޖިޓަލްއާއި ދެމެދު ސޮއި ކުރެވުނު، 360 ޑިގްރީގެ ޗާޓު ހެދުމުގެ އެއްބަސްވުން ބާތިލުކޮށްފިއެވެ.
މިއެއްބަސްވުމުގައި އެމްއެމްޕީއާރްސީ އާއި ގެކޯގެ ފަރާތުން ސޮއި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެއްބަސްވުން މިދިޔަ ހަފްތާގެ ތެރޭގައި އުވާލީ ގެކޯ ޑިޖިޓަލްގެ ފަރާތުންނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެދެފަރާތުގެ ވެސް ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ގެކޯ ޑިޖިޓަލުން އެއެއްބަސްވުން ބާތިލުކޮށްފައިވާއިތު، އެކުންފުނީގެ ޓީމެއް ރާއްޖެ އައިސް މިމަސައްކަތުގެ ބޮޑު ބައެއް ނިންމާފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ހާރިސް މުޙައްމަދު މީގެކުރިން ވިދާޅުވެފައިވަނީ، މިޗާޓަކީ އެކުންފުނީގެ "ވިޒިޓް މޯލްޑިވްސް" ވެބްސައިޓުގައި ހިމެނުމަށް ހަދާ ޗާޓެއް ކަމަށެވެ.
މީގެއިތުރުން ހާރިސް ވިދާޅުވެފައިވަނީ އިންޑޮނޭޝިއާގެ އެކުންފުނިން ޗާޓްގެ މަސައްކަތް ކޮށްދޭން އެއްބަސްވީ ހިލޭ ސާބަހަށް ކަމަށާއި އެމަސައްކަތް އެއް އަހަރު ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
މިޗާޓު ހަދާ ނިމުމުން ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓްތައް ފެންނަން ހުންނާނެ ކަމަށާއި އެކަމުގެ ސަބަބުން އޮންލައިން އަދި ޑިޖިޓަލް މީޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް ހާރިސް ވިދާޅުވިއެވެ.