ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުންޏެއްކަމަށްވާ ބީކޭކޭ އެލެކްޓްރޯނިކްސްގެ ވަން ޕްލަސްއިން އެންމެ ފަހުން އުފެއްދި "ވަން ޕްލަސް 6" މޮޑެލްގެ ފޯނު ލޯންޗުކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ލަންޑަންގައި ރޭ ބޭއްވި ހަލުފާއެއްގައި އެ ފޯނު ރަސްމީކޮށް ލޯންޗުކޮށްފައިވާއިރު، ވަން ޕްލަސްގެ ރަސްމީ ވެބްސައިޓުން އާންމުންނަށް ފޯނު ވިއްކަން ފަށާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
"ވަން ޕްލަސް 6" ރަސްމީކޮށް ލޯންޗުކޮށްފައިވާއިރު، މި ފޯނު ވެގެންގޮސްފައިވަނީ ވަން ޕްލަސް ބްރޭންޑްގެ ފޯނުތަކުގެ ތެރެއިން އެންމެ ބޮޑު ޑިސްޕްލޭއެއް އިން ފޯނަށެވެ. މި ފޯނުގައި ވަނީ 6.3 އިންޗީގެ 19:9 އޯލެޑް ޑިސްޕްލޭއެކެވެ.
ގޫގަލްގެ އެންޑްރޮއިޑް ޕީ ބީޓާ ސަޕޯޓްކުރާ އެ ފޯނުގެ 6 ގީބީ ރެމާއި 64 ގީބީގެ އިންޓާނަލް ސްޓޯރޭޖްގެ ފޯނު ވިއްކުމަށް ކަނޑައަޅާފައިވަނީ 529 ޑޮލަރުގެ އަގަކަށެވެ. 8 ގީބީގެ ރެމާއި 128 ގީބީގެ އިންޓާނަލް ސްޓޯރޭޖްގެ ފޯނު ވިއްކާ އަގަކީ 579 ޑޮލަރަށެވެ. އަދި 8 ގީބީގެ ރެމާއި 256 ގީބީގެ އިންޓާނަލް ސްޓޯރޭޖްގެ ފޯނު ވިއްކާ އަގަކީ 629 ޑޮލަރަށެވެ. މިއީ އޭގެ ކުރިން ވަން ޕްލަސްއިން ނެރުނު "ވަން ޕްލަސް 5ޓީ" މޮޑެލްގެ އަގުތަކަށްވުރެ މަތީ އަގުތަކެކެވެ. މި ދެ މޮޑެލްގައި ވެސް ވަނީ އެއްވަރުގެ ރެމް ސްޕޭސްއަކާއި އިންޓާނަލް ސްޓޯރޭޖެކެވެ.
ވަން ޕްލަސްގެ މި ފޯނުގައި ހިމާނާފައިވަނީ ސްނެޕް ޑްރެގަން 845 ޕްރޮސެސައާކާއި 630 ގެ ގްރެފިކްސްއެކެވެ. މި ފޯނުގެ ކެމެރާއަށް ބަލާއިރު، ފޯނުގައި ވަނީ 16-20 މެގަޕިކްސެލްގެ ޑުއަލް ކެމެރާއެކެވެ. ފްރޮންޓް ކެމެރާއަކީ ވެސް 16 މެގަޕިކްސެލް ކެމެރާއެކެވެ.
ފިންގާ ޕްރިންޓާއި ފޭސް އަންލޮކް ފީޗާ ވެސް ހިމެނޭ ގޮތަށް އުފައްދާފައިވާ މި ފޯނުގެ ޑިސްޕްލޭ ވަނީ "ގޮރިއްލާ ގްލާސް 5" ގެ ސްކްރީން ޕްރޮޓްކެޓަރެއް ލައްވައިފައެވެ. އަދި ފޯން ވިއްކާއިރު، ފޯނުގައި ބެކް ޕްރޮޓެކްޓް ކަވަރެއް ވެސް ލައްވާފައިވާނެއެވެ.