ގިނަ އަަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ލަންކާއިން އަތުލައިގެން ގަނެފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
ގިނަ އަަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ލަންކާއިން އަތުލައިގެން ގަނެފި
މަސްތުވާތަކެތީގެ ވައްތަރެއްކަމަށްވާ ޕާޓީ ޑްރަގްގެ ގިނަ އަދަދެއްގެ ގުޅަތަކަކާއެކު ދެ ދިވެއްސަކު ސްރީލަންކާއިން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ލަންކާގެ ދެހިވާލާގެ ނަޑިމަލައިން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެއްސަކާއި އުމުރުން 25 އަަހަރުގެ ދިވެއްސެއް ކަމަށެވެ. އެ ދެ މީހުންނާ ބެހޭގޮތުން އިތުރު އެއްވެސް ތަފުސީލެއް ރިޕޯޓްތަކުގައި ނެތެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، އެ ދެ މީހުންގެ އަތުން ޕާޓީ ޑްރަގްގެ ބާވަތެއްކަމަށްވާ އެކްސްޓަސީގެ 1925 ގުޅަ ފެނިފައިވާކަމަށެވެ. އެ ގުޅަތަކުގެ އަގު 10 މިލިއަން ލަންކާ ރުޕީސްއަށްވުރެ މަތިވާނެކަމަށް އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ. އެއީ 9 ލައްކަ ދިވެހި ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ.

ލަންކާގެ ފުލުހުން ބުނި ގޮތުގައި، ދެ ދިވެހިން ވެގެން އެ ތަކެތި ލަންކާއަށް އެތެރެކޮށްފައިވަނީ ނެދަލޭންޑްސްއިން ކަމަށްވެއެވެ. ލަންކާގެ އިތުރުން އެހެން ޤައުމުތަކަށް ވެސް އެ ތަކެތި އެތެރެކޮށްގެން ދެ މީހުން ވިއްކާކަމަށް ތުހުމަތުކުރެވޭކަމަށް ލަންކާ ފުލުހުން ބުނެއެވެ.

ލަންކާގެ ފުލުހުން މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ.




މިއަދު އޮންލައިން