އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ތިން ކުއްޖަކު އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާކަން ހާމަކޮށްފައެވެ.
ފައިސަލްގެ ޓްވީޓްގައި ވިދާޅުވީ، ކުރީ ދުވަހަކު 5 ދުވަހުގެ ތުއްތު ކުއްޖަކާއި 5 މަހުގެ ކުއްޖެއްގެ އިތުރުން ވެސް ކުއްޖަކު ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި ފަރުވާދެމުންދާކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ލޭގެ ޕްރެޝަރު ދަށްވެ ޝޮކެއް ޖެހިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި މަދިރި ކޮންޓްރޯލް ކުރަން އެންމެން ގުޅިގެން މަސައްކަތްކުރުމަށް އޭނާގެ ޓްވީޓްގައި އިލްތިމާސް ކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި މަހާއި ޖޫން މަހާ ދެމެދުގެ ދުވަސްވަރަކީ، އާންމުކޮށް ރާއްޖޭގައި ޑެންގީ ހުން ފެތުރުން އިތުރުވާ ދުވަސްވަރެކެވެ. އެހެންވެ އެކަމުން ރައްކާތެރިވުމަށް ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން މަސައްކަތްކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް އިލްތިމާސްކޮށްފައިވެއެވެ.
ކުރީދުވަހު ގެނައި 5 ދުވަހުގެ ތުއްތު ކުއްޖާ އައިސީޔޫއިން ނުނެރިވެގެން އުޅެނިކޮށް ޑެންގީހުން ޖެހިގެން އަނެއްކާވެސް 5 މަހުގެ ކުއްޖަކާ އެހެން ކުޑަކުއްޖެއް ގެނެއްސި. އެއްކުއްޖަކު ލޭގެ ޕުރެޝަރުދަށްވެ ޝޮކުގައި. މަދިރި ކޮންޓުރޯލްކުރުން އެންމެން ގުޅިގެން ކުރިއަށް ގެންދެވުން އެދެން. pic.twitter.com/bmF0K4nMt7
— Ahmed Faisal (@FaisalIGMH) May 15, 2018