ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ޖަލުގައި ކިތަންމެ ގިނަ ދުވަހަކު ބޭއްވި ނަމަވެސް އެމަނިކުފާނު ކުރައްވަމުން ގެންދަަވާ އިސްލާހީ މަސައްކަތުގައި ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
ކުއްލި ނުރަކަލުގެ ހާލަތުގެ ދަށުން ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު، ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާ ހައްޔަރު ކޮށްފައިވާ ރައީސް މައުމޫން ޖަލުގައި އޮންނަވާތާ 100 ދުވަސް އިއްޔެއަށް ވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާހީ މަސައްކަތް އިތުރަށް ވަރުގަދަކޮށް އެމަސައްކަތުގައި ދެމި ހުންނަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ.
މިބަރަކާތްތެރި ރަމަޟާން މަހަށް އެކަނި ނަމަވެސް ރައީސް މައުމޫން ގެއަށް ބަދަލު ކޮށްދެއްވުމަށް އިދިކޮޅު ފަރާތްތަކުގެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި އެމަނިކުފާނު ޖަލުގައި ގެންގުޅެމުންދަނީ ރައީސް މައުމޫނާމެދު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ ހިތްޕުޅުގައި އޮތް ވަރުގަދަ ޒާތީ ހަސަދައެއްގެ ސަބަބުން ކަމަށެވެ.
މީގެއިތުރުން، ރައީސް މައުމޫނަށް ކުރަމުންދާ ތުހުމަތުތަކަކީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށާއި އެމަނިކުފާނު ޖަލުގައި ބޭއްވުމަކުން އިދިކޮޅު ހަރަކާތްތައް ވެސް ހުއްޓުމަކަށް ނާންނާނެކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގެ ދައުވާވެސް ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ.