މިއަދުގެ ހުކުރުން ވަރަށް އުފާވެރި މަންޒަރުތައްވެސް ފެނުނެވެ. އެއީ ރޯދަ އައުމުން އާދައާ ޚިލާފަށް ރީތި ހެދުން ލައްވައިގެން ދަރިން މިސްކިތަށް ގެންދިއަ ތަނެވެ. އަދި ބައެއް ބެލެނިވެރިން ދަރިން ގޮވައިގެން ކުރިއާލައި މިސްކިތަށް އަރައި ކިޔަވަން ތިބި ތަނެވެ.
ހަމައެއާއިއެކު ދެން ފެނުނީ ވަރަށް ނުރައްކާތެރި، މާތް ﷲ ގެ އަޒާބަށް އެއްވެސް ބިރުވެތިކަމެއް ނެތް ބެލެނިވެރިންތަކެކެވެ. އެމީހުން ވެސް އެމީހުންގެ ދަރިން އިސްލާމީ މަރުކަޒަށް ހުކުރަށް ގެންދިއައީ ވަރަށް ރީތިކޮށް ހެދުން އަޅުވައިގެންނެވެ.
ދިއައީ ހުކުރުކުރަން ފެށިފަހުންނެވެ. އެއިރު މަތީބުރިއަށް އަރާ ސިޑިމަތި ވެސް އޮތީ ފުރިފައި ފަދަ ގޮތަކަށެވެ. އެހާލުގައިވެސް މީހުން ފޭކުރަމުން ކޮއްޕައިގަޅުވަމުން އެގޮތް މިގޮތުން މިސްކިތުގެ 2 ވަނަ ބުރި (އިމާރާތުގެ 3 ވަނަ ބުރި) އަށް އެރިއެވެ.
އިމާމް މީހާ ޚުޠުބާ ނިންމައި ނަމާދަށް ފެށުމުން މައުމޫން ވެސް ވެސް ޙަރަމްބަނދެ އަލްޙަމްދު މެދަކާއި ހަމައަށް ދިއަތަނާ ދެން ފެނުނީ ދަރިންތައް ގޮވައިގެން ދުވަމުން އަންނަތަނެވެ. ސިޑިފުރެންދެން ސަފު ހަދައިގެން ތިބި އެންމެންނާއި ތިރީ ބުރީގައި ނަމާދަށް ތިބި އެންމެންގެ ތެރެއިން ދުވާތަނެވެ.
މިވީގޮތަކީ ހުކުރަށް ދިއަލެއް ލަސްކަމުން މަތީ ފަންގިފިލާއިން ހަމަ އެއްވެސް ޖާގައެއް ނުލިބުމުން ފައިބަންޖެހުމެވެ. ފައިބަން ޖެހުނުއިރު މިވަނީ ނަމާދަށް ހަރަމްބަނދެފައެވެ. އެހާލަތުގައި ބައެއް އިލްމުވެރިން ވިދާޅުވަނީ ނަމާދަށް ހަރަމް ބަނދެގެން ތިބި ބައަކު ހުރަސްކޮށް ގޮސްގެން ނުވާނެ ކަމަށާއި ތިބިތާކު މަޑުން ތިބުންވެސް މާރަނގަޅު ކަމަށެވެ.
އިސްލާމީ މަރުކަޒަށް ބަލާއިރު އެގޮތަށް މަޑުކޮށްގެންވެސް ނުހުރެވޭނެއެވެ. ތިބޭނަމަ ތިބެންޖެހޭނީ އެތައް ބައެއްގެ ކުރިމަތީގައި އެމީހުންގެ ސަޖިދަ ކުރުމަށް ހުރަސްއަޅައިގެންނެވެ.
ކޮންމެއަކަސް މިއަދު ފެނުނީ 10 ވަރަކަށް ބައްޕައިން ރީތި ހެދުން ލައްވައިގެން ގޮވައިގެންދިއަ އެމީހުންގެ ދަރިންގެ އަތުގައި ހިފައިގެން ހަރަމްބަނދެގެން ތިބި މީހުންތަކުގެ ކުރިމަތީގައި ދުވާތަނެވެ.
ދަރިން ވެސް އަދި ތިމާވެސް، ޚާއްޞަކޮށް ހުކުރަށް ދާން ރީތި ފޭރާން ލުމަކީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް މިސްކިތުން ޖާގަ ލިބޭހައި އިރު ކުރިން ދަރިން ގޮވައިގެން މިސްކިތެއް ނުދެވިގެން އަޒާބު ފުނި ލިބިގަންނަން ޖެހުނީމާ ހެދުމުގެ އޮތީ ކޮން ރީތިކަމެއްތޯއެވެ!
މިމައްސަލަތައް ކުރިމަތިވަމުން މިދަނީ ހުކުރަށް ދިއުމުގެ ޙަޤީޤީ މާނައިގައި ހުކުރަށް ނުދާތީއެވެ. ހުކުރަށް ދިއުމަކީ ފެޝަނެއްގެ ގޮތުގައި ކުރާ ކަމަކަށް ހަދައިގެން ހުކުރަށްދާތީއެވެ. އާއިލާ ތެރޭގައި މަގޭ ދަރި ހުކުރަށް ގެންދިއައީ މާރީތި ހެދުމެއްގައި ކަމަށް ދައްކަން ވެސް މަސައްކަތްކުރެވޭތީއެވެ. ވިސްނައިލަންވީ މާތް ﷲ ގެ ހަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑުވެގެންވަނީ އެންމެ ކުރިން ހުކުރަށް އެރިމީހާގެ ކަމެވެ.
އިމާމް މީހާ ހުކުރު ޚުޠުބާ ކިޔަން ފެށުމުން ހުކުރަށް ދިއުމުގެ ނަމުގައި މިސްކިތަށް އެރި ނަމަވެސް ހުކުރަށް ދިއަ މީހުންގެ ލިސްޓުގައި މަލާއިކަތުން އެމީހެއްގެ ނަން ނުލިޔުއްވަވާނެ ކަމެވެ. އެހެންކަމުން ވާނީ ނަމާދަށް ދިއަ މީހަކަށް ކަމެވެ.
ނަމާދަށް ޙަރަމްބަނދެގެން ހުރި މީހާގެ ކުރިމަތިން ހުރަސްކުރުމަކީ ކިހައވަރެއްގެކަމެއްކަން އެނގޭނީވެސް ފޮތް ކިޔައި މިސްކިތަށް ޢާންމުކޮށް ގޮސް ދަރުސް އަޑުއަހައި މިފަދަ ކަންކަން ހޯދާބަލައި އުޅޭ ބައަކަށެވެ.