ޔާ ﷲ! އަޅަމެންނަށް ނަމާދުކޮށްލަން ފަސޭހަވާވަރުގެ އަލިކަމެއް ދެއްވަވާނދޭވެ!: ހުކުރު މިސްކިތަށް ތަރާވީޙަށްދާ މީހުންގެ ދުޢާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޔާ ﷲ! އަޅަމެންނަށް ނަމާދުކޮށްލަން ފަސޭހަވާވަރުގެ އަލިކަމެއް ދެއްވަވާނދޭވެ!: ހުކުރު މިސްކިތަށް ތަރާވީޙަށްދާ މީހުންގެ ދުޢާ
"ޔާ ﷲ! އަޅަމެންނަށް ނަމާދުކޮށްލަން ފަސޭހަވާވަރުގެ އަލިކަމެއް ދެއްވަވާނދޭވެ! މިއީ މިދިއަ އަހަރުވެސް އަޅަމެން ކުރި ދުޢާއެވެ. އަޅަމެންގެ ދުޢާ އިޖާބަކޮށްދެއްވަވައި މަސް ނިމެން ގާތްވެފައި ވަނިކޮށް އިންވެގެން އޮންނަ ޕާކުގެ ބޮކިތައް ދިއްލޭނެ ގޮތެއް މިންވަރުފުޅު ކުރައްވަވައިދެއްވަވައި އަލިކަމެއް ދެއްވެވީމުއެވެ.!

މިއަހަރުގެ ރަމަޟާން މަސް ފެށިގެން މިދަނީއެވެ. ބޮކިތައް ހުރީ ނަސީބަކުން ދިއްލިފައެވެ. ނަމަވެސް އެޕާކުގައި ވިނަ ބޯވުމުގެ ސަބަބުން ބޮކިތަކުން އެއްވެސް އަލިކަމެއް ނުލިބޭތީ އަޅަމެން މިއަހަރުވެސް ތަރާވީޙް ނަމާދުކުރަމުން މިގެންދަނީ ހަމަ ކަނު އަނދިރީގައިކަން އިނބަ ﷲ ދެކެދެނެވޮޑިގެންވާނޫއެވެ!

ސަރަހައްދަށް އަލިކަމެއް ފޯރުކޮށްދޭން ބޭނުން މީހުން އެބަތިއްބެވެ. ޕާކުގައި ވަގުތީ ބޯޑެއް ބެހެއްޓުމުގެ ޚަރަދާއި އަމިއްލަ ފްލަޑްގައި ދިއްލައި ކަރަންޓް ބިލް ދައްކާނެ މީހުންވެސް އެބަތިއްބެވެ! ނަމަވެސް އެކަން ކުރެވޭނެ އެއްވެސް މަގެއް ނުފެނެއެވެ. މިސްކިތުގެ ބެލެނިވެރި ފަރާތަކީ ހެރިޓޭޖާއި ޔުނެސްކޯ ކަމަށް ބުނެއެވެ. މިއިން އެއްވެސް ފަރާތަކީ ނަމާދުކުރުމާއި ބެހޭ ތަންތަނެއް ނޫނެވެ.

މިސްކިތް ޔުނެސްކޯ އާއި ހެރިޓޭޖްގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ނަމަވެސް އިންވެގެން އޮތް ޕާކުގައި ފްލަޑެއް ބަހައްޓައިލުމަކީ އަދި ބޮކިވާގަނޑެއް ގެނެސް ގަހުގައި އެލުވައިލުމަކީ މިސްކިތާއި ގުޅޭނެ ކަމެއް ކަމަށް ވިސްނުމުގެ ބާރު އަޅަމެންގެ ބުއްދިއަށް އިނބަ ﷲ ދެއްވަވާފައެއް ނުވެއެވެ!

މިކަންކަން ހައްލުކޮށްދެއްވަވައި އަޅަމެން ތަރާވީސް ނަމާދުކޮށްލާނެ އަލިކަމެއް މިއަހަރުވެސް ލިބޭނެ ކޮންމެވެސް މަގެއް ދައްކަވައި ދެއްވެވުން އެދި މިއަހަރުވެސް އިނބަ ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުންމަތީގައި ދެމިތިބީމުއެވެ!"

- ހުކުރު މިސްކިތު ގޯތީގައި ތަރާވީސް ނަމާދުކުރާ ގިނަ ބައެއްގެ ދުޢާ
މިއަދު އޮންލައިން