ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ، ދީނީ ޢިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު ޢަބްދުލްބާރީގެ ޙާލުކޮޅު ސީރިއަސްވެ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޑރ. ޢަބްދުލްމަޖީދުގެ އަރިސް ބޭފުޅަކު ވިދާޅުވީ އޭނާއަށް މައުލޫމާތުލިބިވަޑައިގެންފައިވާގޮތުން ޑރ. ޢަބްދުލްމަޖީދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތަނަކަށް ވަޑައިގަންނަވަން ކޮޓަރިކޮޅުން ނުކުމެވަޑައިގަތުން ލަސްވެގެން ބެލިއިރު އޮންނެވީ ވެއްޓިވަޑައިގެންފައެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު ސިކުނޑިފުޅަށް ވަނީ ލޭއެޅިފައެވެ.
ޑރ. ޢަބްދުލްމަޖީދުގެ ޢާއިލާގެ ބައެއް ބޭފުޅުން މިހާރު ވެސް ވަނީ ލަންކާއަށް ވަޑައިގެންފައެވެ. ނަމަވެސް އެއިން ބޭފުޅަކާއި ގުޅޭނެ ގޮތެއް އަދި ނުވާތީ ޚަބަރުތައް ކަށަވަރުކުރެވޭނެ ގޮތެއް އަދި ނުވެއެވެ.
ޑރ. ޢަބްދުލްމަޖީދުގެ ގާތް ބޭފުޅަކު ވިދާޅުވީ އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުންވެސް އަދިވެސް އޮންނެވީ އައިސީޔޫގައެވެ. އަދި އަންނަނީ ލުއިލިބިވަޑައިގަންނަވަމުންނެވެ.
މިއަދުނޫހަށް ތަފާތު ގޮތް ގޮތުން އެހީތެރިވެދެއްވައި ހިއްވަރު ދެއްވާފައިވާ ޑރ. ޢަބްދުލްމަޖީދަށް އަވަސް ޝިފާއަކަށް އެދެމުއެވެ!