ޖުމްހޫރީ ޕާޓީން މިހާރު ކުރިއަށް ގެންދާ "ހޭވައްލާ ޖޭޕީ" ޕްރޮގްރާމްގެ ތެރެއިން މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުން ތަޢާރަފްކޮށްދެއްވަމުން ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާޞިމް ވިދާޅުވީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އިންނަވައިގެން ފާސްކޮށްފައިވާ "ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ"އަށް އެނަން ކިޔަނީ އޮޅުމަކުން ނޫން ކަމަށާއި އެނަން ކިޔާފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންކުރެވިފައި އޮތީ ޖުމްހޫރީ ނިޒާމަކަށް ކަމަށްވާތީ ކަމަށެވެ.
"ޖުމްހޫރީ ނިޒާމުގެ މާނައަކީ ޤައުމު ހިންގާނީ އެކަންކުރަން ރައްޔިތުން އިސްކުރާބައަކު، ރައްޔިތުން ބޭނުންވާ ގޮތަކަށް ކަން. ވެރިކަން ހިންގަންޖެހޭނެ ގޮތް ވެސް ޤާނޫނު އަސާސީގައި ވަނީ ބަޔާންވެގެން. އެގޮތުން ޤާނޫނު އަސާސީގައި ބުނެފައިވަނީ ވެރިކަން ހިންގަން ޖެހޭނީ ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއްގެތެރެއިންކަން. އަދި 3 ބާރުން ކުރާ ކަންކަމަށް ފާރަވެރިވުމަށް މިނިވަން މުއައްސަސާތަކެއް ވަނީ އުފައްދާފަ."
ޑރ. ޢާޞީމް ވިދާޅުވީ ޤާނޫނު އަސާސީން ވަނީ ރައްޔިތުންނަށް ވަރަށް ގިނަ ޙައްޤުތަކެއް ކަށަވަރުކޮށްދީފައި ކަމަށާއި ނަމަވެސް މިހާރު ރައްޔިތުންނަށް ޤަބޫލުކުރެވެމުންދަނީ އެ ހައްޤުތައް ގެއްެމުންދާކަން ކަމަށެވެ. އަދި ޤާނޫނު އަސާސީން ލިބިދީފައިވާ ސީޔާސީ ޕާޓީތައް ހިންގުމާއި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ހައްޤު ވެސް މިދަނީ ގެއްލެމުން ކަމަށެވެ.
"ނަތީޖާއަކީ ތަރައްޤީއަށް ހުރަސް އެޅުން. ރައްޔިތުންގެ ކުރިއެރުމަށް ހުރަސް އެޅުން. އަޅުގަނޑުމެނ އަމިއްލައަށް ކުރާ މަސައްކަތުގެ ފައިދާ ނުލިބެނީ އެހެންވީމަ. އެހެންވެ ސިޔާސީ ހަަމަޖެހުން ނެތިގެން މިއުޅެނީ."
ޑރ. ޢާޞިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މިހާރު ގެއްލިފައިވާ ހުރިހާ ހައްޤުތަކެއް އަނބުރައި ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް ޤައުމު ހިންގުމުގައި އެންމެ އިސް ބަސް ބުނާ ބައަކީ ރައްޔިތުން ކަމުގައި ހަދާނެ ކަމަށެވެ. "ރައްޔިތުންގެ ބާރުވެރިކަން އިތުރު ނުކޮށް އަޅުގަނޑުމެންގެ ޤައުމު އަނބުރައި އަޅުގަނޑުމެންނަކަށް ނުލިބޭނެ."