މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީ އޮފީހަށް ވަޑައިގެން ނަޝީދުގެ ފޯމުތައް ހުށަހެޅުއްވީ އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސަވާފައިވާ، ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމެވެ. އަސްލަމް އެމްޑީޕީ އޮފީހަށް ވަޑައިގެން ޕްރައިމަރީ ވާދަކުރުމަށް ހުށަހަޅަންޖެހޭ ފޯމުގެ އިތުރުން ތާއީދު ފޯމު ވެސް ވަނީ ހުށަހަޅައިފައެވެ. އެމްޑީޕީގެ ފަރާތުން އެ ފޯމުތަކާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު, އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ ހަމައެކަނި ކުރީގެ ރައީސް ނަޝީދެވެ. އަދި "ޖަޒީރާ ރައީސް" ގެ ސްލޯގަނަކާއެކު އެމަނިކުފާނު ވަނީ ޕްރައިމަރީއަށް ކެމްޕޭން ވެސް ފައްޓަވައިފައެވެ.
މިދިޔަ ދެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ބައިވެރިވެވޭނެކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ދަނީ ބައިވެރިވުމުގެ ފުރުސަތު އެންމެ ފަހު ވަގުތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އެ ޕާޓީން ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އޭގެ އިތުރުން، ބޭރު ހަތަރު ޤައުމެއްގައި ވެސް ވޯޓު ފޮށިތައް ބަހައްޓަން ވަނީ އެ ޕާޓީން ނިންމައިފައެވެ.