ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަކީ ހަމައެކަނި ޑިމޮކްރަސީގެ ވާހަކަ ދެއްކެވި ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ އަމިއްލަފުޅު ފައިސާ އިން ހޭދަކުރައްވައި އަދި އަމަލީ ގޮތުން މަސައްކަތްޕުޅު ކުރައްވަވައި ޤްރްބާންވެވަޑައިގެންނެވި ލީޑަރެއްކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޖޭޕީ އިން ރޭ މ. ކުނޫޒުގައި ބޭއްވި ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަމީރު ވިދާޅުވީ ޤާސިމް އިބްރާހީމް އެމަނިކުފާނުގެ ތުއްޕުޅު ހަޔާތްޕުޅު ހޭދަކުރެއްވެވީ ވަރަށް ނިކަމެތިކަމާއިއެކު ކަމަށާއި މާތް ﷲ އެމަނިކުފާނަށް ތަނަވަސްކަން ދެއްވަވުމުން އެންމެ ބޮޑު އިސްކަމެއް ދެއްވެވީ އެފަދަ ހާލަތުން ޤައުމުގެ ދަރިން ސަލާމަތްކުރައްވަވަން ކަމަށެވެ.
އެގޮތުން ބަލައިފިނަމަ އިންސާނިއްޔަތަށް ފޯރުކޮށް ދެއްވެވި އަދި މިހާރުވެސް ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވަވާ ކަމަށާއި އެ އެހީތެރިކަން ފޯރުކޮށްދެއްވެވީ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ބޭސްފަރުވާ ނުކުރެވުމުގެ ހިތްދަތިކަމުން ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް ކަމަށެވެ.
ސަމީރު ވިދާޅުވީ ތައުލީމީ ދަރިން އުފައްދަން އަމިއްލަ ފައިސާއިން އެންމެ ބޮޑު ހޭދައެއް ކުރެއްވީ ވެސް ޤާސިމް އިބްރާހީމް ކަމަށާއި އެކަންކަން ކުރެއްވެވީ ވެސް ޤައުމު ތަރައްޤީ ކުރެއްވުމަށް ކަމަށެވެ. ޤައުމު ބިނާކުރާނެ ޤާބިލު ދިވެހިން ދަރިން އުފެއްދެވުމަށް ކަމަށެވެ.
ސަމީރު ވިދާޅުވީ ޑިމޮކްރަސީއަށް ރާއްޖެ ކުރި ދަތުރުގައި ކުރެވުނު މަސައްކަތްތަކުގައި ޤާސިމް އިބްރާހީމްގެ ފުރިހަމަ ބައިވެރިވެވަޑައިގަތުމާއި ހޭދަކުރެއްވުން ނެތި ކުރެވުނު އެއްވެސް މަސައްކަތެއް ނުއޮންނާނެ ކަމަށެވެ. އަދި ޑިމޮކްރަސީ ގެނައުމަށްޓަކައި ފާސްކުރި ފެހި ޤާނޫނު އަސާސީ ފާސްކުރެވިގެން ދިއައީ އެކަމަށްޓަކައި އެމަނިކުފާނު ވެވަޑައިގެންނެވި މަތިވެރި ޤްރްބާނީންކަން އެއީ އެންމެންނަށް އެނގެން އޮތް ހަޤީޤަތެއްކަމަށެވެ.
ސަމީރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށްޓަކައި އެހައިތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓު ފާސްކުރެވުނީ ޤާސިމް އިބްރާހީމްގެ މާލީ ވަޒީރު ކަމުގައި ކަމަށާއި އެއީ ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް ފާސްކުރެވުނު އެންމެ މުހިންމު ބަޖެޓު ކަމަށެވެ.
ސަމީރު ވިދާޅުވީ އިޞްލާޙީ މަސައްކަތްތައް ރާއްޖޭގައި ފެށުނީންސުރެ މިއަދާއި ހަމައަށް ބެލި ނަމަވެސް އެންމެ ބޮޑު ރިސްކެއް ނަންގަވައިގެން މަސައްކަތްޕުޅު ކުރެއްވެވި ބޭފުޅަކީ ޤާސިމް އިބްރާހީމް ކަމަށެވެ. އެހައި ބޮޑު ރިސްކެއް ނަންގަވައިގެންވެސް މަސައްކަތްޕުޅު ކުރެއްވެވީ އަދި މިހާރުވެސް ކުރައްވަވަމުން އެގެންދަވަނީ ހަމަ ދިވެހި ރައްޔިތުންގެ ކުރިމަގު އުޖާލާ ކުރެއްވެވުމަށް ކަމަށެވެ.
ގުޅުންހުރި އޯޑިއޯ: