ތިން އަހަރަށްފަހު ލަބާން މިނިވަން ކޮށްފި
މޭޑޭ މުޒާހަރާގައި 2015 ވަނަ އަހަރު ހައްޔަރުކުރި ކްލަބް އީގަލްސްގެ ކުރީގެ ގޯލް ކީޕަރު އިބްރާހިމް ލަބާން ޝަރީފް މިއަދު މިނިވަންކޮށްފިއެވެ. އޭނާ ހައްޔަރުކޮށް ހުކުމް ކުރީ މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސަބިތުވުމުންނެވެ.
ލަބާން ހައްޔަރު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަސް އުފުލި ދައުވާގެ އަޑުއެހުންތައް ނިމި، ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
އޭނާވަނީ ތިން އަހަރަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަ ކޮށްފައެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ލަބާން އަށް މާފު ދެއްވުމުން، އޭނާ މިއަދު ވަނީ މިނިވަންވެފައެވެ.