ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 25ސ
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، އަތޮޅުތެރޭގެ ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިން ކަމަށެވެ.

މާލޭގައި ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީންނެވެ. ހުޅުމާލޭގައި ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި ހުންނަ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ. ވިލިމާލެއިން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހައުސިން މިނިސްޓްރީގެ ވިލިމާލެ ޔުނިޓުންނެވެ.

ފިތުރު ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު ފަހު 13:00 ޖަހަން ދެނެވެ.

އިސްލާމި މިނިސްޓްރީ ފިޔަވައި އެހެން ތަންތަނަށް ފިތުރު ޒަކާތް ބަލައިގަންނާނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިސްލާމިކް މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނާނެއެވެ.

އޭގެ އިތުރުން، އެސްއެމްއެސް މެދުވެރިކޮށް ދިރާގާއި އުރީދޫއިން ވެސް ފިތުރު ޒަކާތް ބަލައިގަންނާނެއެވެ. އަދި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމްތައް ހަމަޖެހިފައިވެއެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ޒަކާތް ނެރެންވާނީ އެ ބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރަށެވެ. އެ ގޮތުން މާލޭގައި އުޅޭ މީހުން ޒަކާތް ދައްކަންޖެހެނީ، އާދައިގެ ހަނޑުލުން ނަމަ 13 ރުފިޔާ، ތައިލެންޑް ހަނޑުލުން ނަމަ 43 ރުފިޔާ، އަދި ބާސްމަތީ ހަނޑުލުން ނަމަ 81 ރުފިޔާއެވެ.


މިއަދު އޮންލައިން