ފާއިތުވި ހަފުތާގައި މަސްތުވާތަކެއްޗާއެކު ހަތް ރަށަކުން ދިހަ މީހުން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 58ސ
ފާއިތުވި ހަފުތާގައި މަސްތުވާތަކެއްޗާއެކު ހަތް ރަށަކުން ދިހަ މީހުން ހައްޔަރުކޮށްފި
ފާއިތުވި ހަފުތާގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާއެކު ހަތް ރަށަކުން ދިހަ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާއެކު ދިހަ މީހަކު ހައްޔަރުކޮށްފައިވަނީ، ތ.ގުރައިދޫ، ރ.މަޑުއްވަރީ، ބ.ދަރަވަންދޫ، ދ.ރިނބިދޫ، ދ.ބަނޑިދޫ، މ.ކޮޅުފުށި، އަދި މ.މުލިންނެވެ.

ތ.ގުރައިދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި، މި މެއި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެކެވެ. މާލެއިން ފުރައިގެން ގުރައިދުއަށް އައިސް ފޭބި ތަނުން، އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާގެ އަތުގައި އޮތް ޗާޖަރެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ރ.މަޑުއްވަރީއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 13 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނެކެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ދިރިއުޅެމުންދާ ތަން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ބ.އަތޮޅު ރަށަކަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބ.ދަރަވަންދޫއިން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ. މި މެއި މަހުގެ 15 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ދ.ރިނބުދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި މެއި މަހުގެ 14 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ދ.ބަނޑިދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 14 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެކެވެ. އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މ.ކޮޅުފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި މި މަހުގެ 17 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. 22 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، އޭނާ އެއްލާލި ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 17 ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި 24 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުމެންދާ ގެ ބަލައި ފާސްކުރިއިރު، އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 182 ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މ.މުލި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުން ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ތަތްކޮށްފައިވާ ދެ ލައިޓަރު ދެ މީހުންގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި ހުރިހާ މައްސަލައެއް އިތުރަށް ތަހުޤީޤުކުރަމުންނެވެ.
މިއަދު އޮންލައިން