ވިލާ ގްރޫޕުގެ އެމްޑީ އިބްރާހީމް ސިޔާދު ޤާސިމް ޖަލުގައި ބަންދުގައި ބަހައްޓަނީ ޤާނޫނާ ޚިލާފަށްކަން ޕީޖީއަށް އެނގޭ ކަމެކަށް ނުހެދިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލީހުގައި ސިޔާދު ޖަލުގައި ބަންދުކޮށްފައި ބަހައްޓަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އެންޓި ޓޯރޗަރގެ ޤާނޫނާއި ޚިލާފަށްކަން ފާހަގަކުރައްވައި އެމައްސަލަ ނެންގެވުމުން ޕީޖީގެ ވަކީލުން ވިދާޅުވީ އެކަން ޕީޖީއަށް ނުއެނގޭ ކަމަށެވެ.
ސިޔާދު މިހާރު ބަންދުގައި ޖަލުގައި ބަހައްޓާފައި އެހުރީ ޤާނޫނާ ޚިލާފަށްކަން މައްސަލަ ބައްލަވާ ފަނޑިޔާރު ވެސް ވަނީ ޤަބޫލުފުޅުކުރައްވައިފައެވެ. އަދި ސިޔާދު ބަންދުގައި ބަހައްޓާ ޙާލަތު ބަލައި ދެން ބާއްވާ ޝަރީއަތުގެ މަޖިލީހަކަށް ހުށަހެޅުމަށްވެސް ފަނޑިޔާރު ވަނީ ޕީޖީގެ ވަކީލުންނަށް އަންގަވައިފައެވެ.
ޕީޖީ ބޭނުންވެގެން ޖަލު ބަންދުގައި ބައިތިއްބައިދޭ މީހުން ބަންދުގައި ބައިތިއްބާ ޙާލަތު ޕީޖީއަށް ނުއެނގޭނަމަ އެއީ އަނިޔާ ލިބޭމީހުންނާއި ޢާއިލާތަކުން އަދި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާނެ ކަމެކެވެ.