ރާއްޖޭގެ ފުރަތަމަ އިސްލާމީ މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބަރީ އެންމެ ޚާއްޞަ ވަނީ މަޤާމަށް ނުބައްލަވައި ޙައްޤު ބަސްފުޅު ވިދާޅުވުންމަތީ ދެމިހުންނެވީތީއެވެ.
އެމަނިކުފާނުގެ އިސްލާމީ މިނިސްޓަރުކަމުގައި ވަރަށް ބޮޑެތި މައްސަލައަކާއި ކުރިމަތިލައްވަންޖެހިވަޑައިގަތެވެ.
އެއް ކަމަކީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާޞިރު ފަސްދާނުލުމަށްފަހު ޒިޔާރަތެއް ހަދަން ސަރުކާރުން ބޭނުންވުމެވެ. ސަރުކާރުން އެކަމުގެ އަމަލީ މަސައްކަތް ފަށައިގެންވެސް ކުރިއަށް ގެންދިއައެވެ.
މިހާރު ފެންނަން އެހެރަ ވަރަށް މަސައްކަތް ހުއްޓާލަން ޖެހުނީ އެކަމަށް ހުރަސްއަޅައި އިސްލާމިކް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ.
ދެވަނަ ކަމަކަށް ކުރިމަތިވީ ކަލާފާނު ޒިޔާރަތުގައި ދިދަ ނަގަންފަށަން ސަރުކާރުން އުޅުމެވެ. އެކަންވެސް ހުއްޓުވުނީ ހަމަ އިސްލާމިކް މިނިސްޓްރީން އެކަން ހުއްޓުވަން ގަދައަޅައި ކުރި މަސައްކަތުންނެވެ.
ސާކު ސަމިޓާއި ގުޅުވައިގެން އައްޑޫ ސިޓީގައި މޮނިޔުމަންޓްތައް ބެހެއްޓުމުން އެކަމާއި ދެކޮޅަށްވެސް އިސްލާމިކް މިނިސްޓަރުގެ ހައިޞިއްޔަތުން ޑރ. ޢަބްދުލްމަޖީދު ވަނީ ފައުޅުގައި ބަސްފުޅު ވިދާޅުވެ ދެކޮޅު ހައްދަވައި ވަގުތުން އެތަކެތި ނައްތާލަން ގޮވާލައްވައިފައެވެ.
އެއިރުގެ ސަރުކާރުން ކުރަން މަސައްކަތްކުރި ބިދުޢައަށް ހިމެނޭ މިފަދަ އެތައް މަސައްކަތްތަކެއް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްޓުވައިފައެވެ. މަޤާމުން ވަކިކޮށްފާނެ ކަމަށް އިސްލާމިކް މިނިސްޓްރީގައި އެއިރު ތިއްބެވި ދީނީ އިލްމުވެރިން އެއްވެސް ވަރަކަށް ފަސްޖެހިވަޑައެއް ނުގަންނަވައެވެ.
އެއިރު އިސްލާމިކް މިނިސްޓްރީން ކުރި މި މަސައްކަތްތަކުގައި ސްޓޭޓް މިނިސްޓަރަކަށް ހުންނަވައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވެވި މަސައްކަތްޕުޅުތަކަކީވެސް ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ މަސައްކަތްޕުޅުތަކެއްކަން ފާހަގަކުރެވެއެވެ.