ވެނެޒުއޭލާގެ ރައީސް ދެވަނަ ދައުރަކަށް، ގިނަ ޤައުމުތަކުން އިންތިޚާބުގެ ނަތީޖާ ބަލައެއް ނުގަތް
ވެނެޒުއޭލާގެ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، މިހާރު ވެސް އެ ޤައުމުގެ ރައީސްގެ މަޤާމުގައި ހުންނެވި ނިކޮލަސް މަދޫރޯ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ.
އެ އިންތިޚާބުގައި މަދޫރޯއާ ވާދަކުރެއްވީ އެ ޤައުމުގެ ލާރާ ސްޓޭޓްގެ ކުރީގެ ގަވަނަރު ހެންރީ ފެލްކަންއާއި މިނިވަން ކެންޑިޑޭޓެއްކަމަށްވާ ހާވިއާ ބާޓުޗީއެވެ.
މަދޫރޯ އިންތިޚާބު ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 68 އިންސައްތަ ލިބިވަޑައިގެންނެވެ. މަދޫރޯއާ އެންމެ ގާތުން ވާދަކުރެއްވި ފެންކަންއަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 21 އިންސައްތައެވެ.
ވެނެޒުއޭލާގެ ރިޔާސީ އިންތިޚާބު މި އަހަރު ބާއްވާފައި މިވަނީ އާންމުކޮށް އެ ޤައުމުގައި އެ އިންތިޚާބަށް ވޯޓުލާ ތާރީޚަށްވުރެ އަވަހަށެވެ. އެ ޤައުމުގައި އާންމުކޮށް އިންތިޚާބު ބާއްވަނީ އިންތިޚާބު ބާއްވާ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
އަވަސް ތާރީޚެއްގައި އިންތިޚާބު ބާއްވާތީއާއެކު، އިދިކޮޅު މައި ކޯލިޝަން، ޑިމޮކްރެޓިކް ޔުނިޓީ ރައުންޑްތޭބަލް ވަނީ އިންތިޚާބު ބޮއިކޮޓްކޮށްފައެވެ. އެ ކޯލިޝަނުން އިންތިޚާބު ބޮއިކޮޓްކުރިއިރު، އެ ކޯލިޝަންގެ މައި ދެ ލީޑަރުންކަމަށްވާ، ލިއޮޕޮލްޑޯ ލޯޕޭޒްއާއި ހެންރީކޭ ކެޕްރީލޭސް އެ އިންތިޚާބުގައި ވާދަކުރުން ވެސް ވަނީ މަނާކޮށްފައެވެ.
ވެނެެޒުއޭލާގެ އިންތިޚާބުގެ ނަތީޖާ ބަލައިނުގަންނާނެކަމަށް ބުނެފައިވާ ޤައުމުތަކުގެ ތެރޭގައި، އާޖެންޓީނާ، ބްރެޒިލް، ޗިލީ، ކޮލޮމްބިއާ، މެކްސިކޯ، ޕެރޭ، އަދި އެމެރިކާ ވެސް ހިމެނެއެވެ.
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ ވެނެޒުއޭލާގައި ބޭއްވީ ފޭކު އިންތިޚާބެއްކަމަށާއި އިންތިޚާބު ނަތީޖާ ޤާބޫލުކުރެވެން ނެތްކަމަށެވެ. އަދި ވެނެޒުއޭލާގައި އިންތިޚާބު ބާއްވާފައި މިވަނީ، އިންތިޚާބު ބާއްވަންޖެހޭ ތާރީޚަށްވުރެ އަވަސް ތާރީޚެއްގައި އިންތިޚާބު ބާއްވައިފިނަމަ، އެ ޤައުމާމެދު އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އެެމެރިކާއިން ކުރިން އިންޒާރު ވެސް ދީފައި ވަނިކޮށެވެ.