އަޅުގަނޑުމެންގެ ދިރިއުޅުމުގައި މިހާރު ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ސައިންސްގެ އައު އީޖާދުތަކުން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުޅި ވައްޓާފާޅި ބަދަލުކޮށްލާފައިވާ މަންޒަރު ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނިންމެވުމާއި ގުޅިގެން، އެކަން ތަންފީޒު ކުރުމަށް ޓީޗަރުންނަށް ޓެބްލެޓް ދޫކުރުމުގެ ޚަފްލާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކޮށްފައިވާ މިފަދަ ދުނިޔެއެއްގައި، ތަޢުލީމުގެ ތެރެއިން ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކޮށް، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުންނަށް އޭގެ މަންފާ ކުރާނެ ގޮތަށް ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލު ގެންނަވާނެ ކަމަށެވެ.
ދަރިވަރުން ޓެބްލެޓް ބޭނުން ކުރަން ފަށާއިރު، އެތަކެތި ބޭނުންކުރުމަށް ޓީޗަރުންނަށް ދޭންޖެހޭ ތަމްރީނުތައް ވެސް ކާމިޔާބު ކަމާއިއެކު ދެވިފައިވާކަމަށް ވެސް ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.
"މިކަމަށްޓަކައި ޓީޗަރުންނަށް އަމާޒު ކުރެވިގެން ހިންގުނު ލެވެލް 1 އަދި 2 ގެ ތަމްރީނުތައް ރާއްޖޭގެ ހުރިހާ ޓީޗަރުންވެސް ފުރިހަމަ ކުރައްވާފައިވާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ކިޔަވައި ދިނުމުގައި ޓެބްލެޓް ބޭނުން ކުރުމަށް ނިންމުމާއި ގުޅިގެން ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ސްކޫލްތައް އެކަމަށް ތައްޔާރުކުރުމާއި، ސްކޫލްތަކުގައި އިންޓަނެޓް ލިބޭނެ ގޮތް ހަމަ ޖެއްސުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ޑރ. އައިޝަތު ޝިހާމް ގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.