ޑޮކްޓަރަށް ދެއްކުމަށާއި މުހިންމު ބޭނުންތަކަށް ނޫނީ މި ދުވަސްވަރު ހޮސްޕިޓަލްތަކަށް ނުދިޔުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މި ގޮތަށް އިލްތިމާސްކޮށްފައިވަނީ، މި ދުވަސްވަރު މާލެއާއި ބައެއް ރަށްރަށުގައި ވަރަށް ހަލުވިކަމާއެކު އަރިދަފުސް ރޯގާއާއި، ވައިރަލް ހުމާއި، ޑެންގީ ހުން ފެތުރެމުންދާތީއެވެ.
އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ނޫން ގޮތަކަށް ހޮސްޕިޓަލްތަކަށް މި ދުވަސްވަރު ދިޔުން ރައްކާތެރި ނޫން ކަމަށެވެ. އަދި ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު، ބަލިމީހާއާއެކު ވީހާވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިޔުމަށް އިލްތިމާސްކުރާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އޭގެ އިތުރުން، ހުމާއި ރޯގާގެ އެއްވެސް އާލާމާތެއް ފެނިއްޖެނަމަ، މާބަނޑު މީހުންނާއި ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނި ގޮތުގައި، ހުން ޖެހިގެން އެ ހޮސްޕިޓަލަށް ދައްކާ މީހުންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލަށް ހުން ޖެހިގެން ދައްކަން އަންނަ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އޭޑީކޭއިން ވަނީ އެ ހޮސްޕިޓަލްގައި ފްލޫ ކްލިނިކެެއް ވެސް ހުޅުވައިފައެވެ.
މި ދުވަސްވަރު ރާއްޖޭގައި ރޯގާއާއި ހުން ހަލުވިކަމާއެކު ފެތުރެމުންދާއިރު، ބަލިން ރައްކާތެރިވުމަށާއި ބަލި ފެތުރުން ކުޑަކުރުމަށް އާންމުން ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސައި ކިނބިހި އަޅާއިރު ރުމާ ޓިޝޫ ފަދަ އެއްޗަކުން އަނގަމަތި ނިވާކުރުން، އާންމު ސާފުތާހިރުކަމަށް އިސްކަން ދިނުން، ރޯގާ ޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން، ހުން އައިސް ރޯގާ ޖެހިއްޖެނަމަ ވީހާ ވެސް ގިނައިން ދިޔާ ތަކެތި ބޭނުންކުރުން، ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން، އަދި މަދިރިން ރައްކާތެރިވުމެވެ.