ރައީސް މައުމޫންގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ

ކިޔުމަށް ހޭދަވާނީ 1މ 4ސ
ރައީސް މައުމޫންގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ
ޓެރަރިޒަމްގެ ތުހުމަތުކޮށް ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަސް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަސް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ 11:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރެވިއްޖެއެވެ.

މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލް ކުރެވުނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅު ބަލިކަށިވުމުގެ ސަބަބުން އެދުވަހުގެ ޝަރީޢަތް ކެންސަލް ކޮށްދެއްވުމަށް އެމަނިކުފާނުގެ ވަކީލުން އެދިލެއްވުމުން ވަނީ ކެންސަލް ކޮށްފައެވެ.

މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އާއިލާއިން ގެންދަނީ ރައީސް މައުމޫންގެ ހާލުކޮޅު ގޯސްކަމަށް ބުނެ އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް ގޮވާލާ އަޑި ހަރު ކުރަމުންނެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި ރައީސް މައުމޫނަށް ވަނީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެއް ޖެހިވަޑައި ގެންފައެވެ.

އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ބޮލަށް ލިބޭ ގެއްލުމަކުން ޖެހިވަޑައިގަންނަވާ މިހާލަތުގެ ސަބަބުން ބެލެންސުން ނެއްޓި މީހާ ވެއްޓޭ ގޮތް މެދުވެރިވެދާނެއެވެ. އަދި އެހާލަތު ކުރިމަތިވާ މީހާއަށް އޭނާގެ ވަށައިގެން ހުންނަ އެއްޗެހި އެނބުރޭހެން ވެސް ހީވެދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެއިތުރުން ސްޓްރޯކް ޖެހުންފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ވެސް ކުރިމަތިވެދާނެއެވެ.
މިއަދު އޮންލައިން