މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވޯޓުލުމަށް ކަނޑައެޅިފައިވާ ގަޑިތައް އިތުރުކޮށް ރިސޯޓުތަކުގައި ވެސް ވޯޓު ފޮށިތައް ބެހެއްޓުމަށް އެ ޕާޓީއިން ނިންމައިފިއެވެ.
އެމްޑީޕީއިން ބުނީ އެ ޕާޓީއިން ޤަބޫލުކުރާ ގޮތުގައި ވޯޓުލުމުގެ ފުރުސަތު ވީހާވެސް ފުޅާކޮށޤ ހުޅުވާލެވިފައި އޮތުމަކީ ވޯޓުލުމުގެ ހައްޤު ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މުހިންމު ކަމެއް ކަމަށެވެ. އެހެންވެ ވޯޓުލުން ކުރިން ކަނޑައެޅިފައިވާ ގަޑިތަކަށްވުރެ ވަގުތު އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އެ ގޮތުން، މިހާރު ރާއްޖޭގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 އުން ފެށިގެން ދަންވަރު 00:00 އަށް ކަމަށް އެ ޕާޓީން ބުންޏެވެ.
ސިނާއީ މަސައްކަތްކުރާ ރަށްތަކާއި ރިސޯޓުތަކުގައި ގިނަ އަދަދެއްގެ އެ ޕާޓީގެ މެންބަރުން މަސައްކަތްކުރަމުންދާތީއާއި ވޯޓުލުމަށް ގިނަ މެންބަރުން ޝައުޤުވެރިކަން ފާޅުކުރަމުންދާތީ، އެ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ވޯޓުލުމުގެ ހައްޤު ބޭނުންކުރުމުގެ ފުރުސަތު ލިބި ދިނުމަށްޓަކަށް، އެފަދަ ތަންތަނުގައި ވެސް ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެއްސުމަށް ބޭނުންވާކަމަށް އެމްޑީޕީއިން ބުންޏެވެ.
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާފައިވަނީ ހަމައެކަނި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މިދިޔަ ދެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ބައިވެރިވެވޭނެކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ދަނީ ބައިވެރިވުމުގެ ފުރުސަތު އެންމެ ފަހު ވަގުތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށެވެ.
ނަމަވެސް ސަރުކާރުގެ އިސް ފަރާތްތަކުން ބުނަމުން ދަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަން ނޯންނާނެކަމަށެވެ.