އިސްރާއީލްގައި ހުންނަ ޕެރެގުއޭ އެމްބަސީ ވެސް ގުދުސަށް ބަދަލުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
އިސްރާއީލްގައި ހުންނަ ޕެރެގުއޭ އެމްބަސީ ވެސް ގުދުސަށް ބަދަލުކޮށްފި


އިސްރާއީލްގެ ތެލްއަވީވްގައި ހުންނަ ޕެރެގުއޭ އެމްބަސީ ގުދުސަށް ބަދަލުކޮށްފިއެވެ.

ޕެރެގުއޭ އެމްބަސީ ޤުދުސަށް ބަދަލުކޮށް، އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެއެވެ. އެ ރަސްމިއްޔާތަށް ޕެރެގުއޭގެ ރައީސް ހޮރާކިއޯ ކާޓްސްއާއި، އިސްރާއީލްގެ ރައީސް ރޫވެން ރިވްލިންގެ އިތުރުން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕެރެގުއޭއަކީ އިސްރާއީލްގެ ތެލްއަވީވްގައި ހުންނަ އެމްބަސީ ޤުދުސަށް ބަދަލުކުރި ދެވަނަ ޤައުމެވެ. ޤުދުސަށް ފުރަތަމަ އެމްބަސީ ބަދަލުކުރި ޤައުމަކީ އެމެރިކާއެވެ. އެމެރިކާއިން ތެލްއަވީވްގައި ހުންނަ އެމްބަސީ ޤުދުސަށް ބަދަލުކުރީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

އެމެރިކާގެ މި ނިންމުމާ ހިތްހަމަނުޖެހި ތިބި ފަލަސްތީނުގެ ރައްޔިތުން ވަނީ އިސްރާއީލާއި ޤާޒާއާ ގުޅޭ ބޯޑަރު ކައިރީ މުޒާހަރާކޮށްފައެވެ. މުޒާހަރާކުރަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލްގެ ސިފައިން ދިން ހަމަލާތަކުގައި 62 މީހަކު ވަނީ ޝަހީދުވެފައެވެ.

ގުދުސަކީ އިސްރާއީލްގެ ވެރިރަށް ގޮތުގައި އެމެރިކާއިން ބަލައިގަތްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ގުދުސަށް ތެލްއަވީވްގައި ހުންނަ އެމެރިކާ އެމްބަސީ ބަދަލުކުރުމަކީ ޓްރަމްޕްގެ ކެންޕޭން ވައުދުފުޅެއް ވެސް މެއެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ފާޑުކިޔުން ވަނީ އެމެރިކާއަށް އަމާޒުވެފައެވެ.
މިއަދު އޮންލައިން