އެމްޕީ ޝިނާންގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.
މިއަދު މެންދުރު 13:00 ޖެހިއިރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލްކުރި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ސިނާން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތެއް ނިންމަން ތާވަލްކުރި އަޑުއެހުމެކެވެ.
މިއީ އެމްޕީ ސިނާން ގެ އަޑުއެހުން ތާވަލް ކުރުމަށްފަހު މިމަހު ތެރޭގައި ކެންސަލް ކުރި ތިންވަނަ ފަހަރެވެ.
ސިނާން ގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ރިޝްވަތު ހިފައި، ސަރުކާރު ވައްޓާލަން އޭނާ މަސައްކަތް ކުރެއްވިކަމަށާއި، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ދައުލަތް ހިންގަން ބުރޫ އަރާފަދަ ގޮތަކަށް އަމުރު ނެރުމުގައި ސިނާން ގެ ބައިވެރިވުން އޮތް ކަމަށް ބުނެއެވެ.