މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަނުކުރެވޭ ގޮތަށް އެމަނިކުފާނުގެ ކެންޑިޑެސީ ބާތިލްކޮށްފިނަމަ، އެކަން ސުޕްރީމް ކޯޓަށް ހުށަހަޅާނެކަމަށް އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ އަސްލަމް މިހެން ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް ޤާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާ މީހުން ބައިވެރިވާ ޕްރައިމަރީތައް ބާތިލްކުރާނެކަމަށް އިންޒާރުދީފައެވެ.
އިސީއިން މި ގޮތަށް އިންޒާރުދީފައިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ހަމައެކަނި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް އެ ޕާޓީއިން އިއުލާންކުރުމާ ގުޅިގެންނެވެ.
އީސީއިން އިއްޔެ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތާއި ޕްރައިމަރީ ބައްވާ ތާރީޚު ޕްރައިމަރީ ބޭއްވުމުގެ ތިން ދުވަސް ކުރިން އެ ކޮމިޝަނަށް ހުށަހެޅުމަށް އެ ޕާޓީއަށް ސިޓީއެއް މެދުވެރިކޮށް އެންގުވުމަށް އަންގައިފައެވެ.
"ޖަޒީރާ ރައީސް" ގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހުރިހާ ޝަރުތެއް ރައީސް ނަޝީދުގައި ހަމަކަމަށާއި ކެންޑިޑެސީގެ ޝަރުތު ހަމަނުވާކަމަށް ޤަބޫލުކުރެވޭނަމަ ޢަމަލުކުރަންޖެހޭ ގޮތް ވެސް އިންތިޚާބުތަކާ ބެހޭ ޤާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ނަޝީދުގެ ކެންޑިޑެސީ ބަލައިނުގެންފިނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކެންޑިޑެސީގެ ޝަރުތުތައް ފުރިހަމަތީ ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނޭ މަޖިލީހުން ކަމަށާއި އެގޭ ބޭރުން ބަޔަކު ކިތަންމެ ވާހަކަތަކެއް ދެއްކި ނަމަވެސް ނަޝީދުގެ ކެމްޕޭން ކުރިއަށްދާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލާގައި މިހާރު ވެސް ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ވަރަށް ސާފު ގޮތްތަކެއް ނިންމާފައިވާ ކަމަށާއި އެ ޕާޓީން އެ އަމުރު ޤަބޫލުކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރައީސް ނަޝީދަށް ވާދަކުރެއްވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނުވަ ބޭފުޅެއް މިނިވަންކުރުމަށް ހުކުމް ކުރި ނަމަވެސް، މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، އެ ކޯޓުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ފަނޑިޔާރު ޢަލީ ހަމީދު ހައްޔަރުކުރުމަށްފަހު، ބާކީ ތިބި ތިން ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީ އެ ހުކުމް ބާތިލް ކުރުމަށެވެ.
އެ ދެ ފަނޑިޔާރުން ވެސް ހައްޔަރުކޮށްފައިވަނީ، ރިޝްވަތު ހިފައި ސަރުކާރު ވައްޓާލަން ރޭވިކަމުގެ ތުހުމަތުގައެވެ.
އެ އަމުރުގައި މިނިވަންކުރުމަށް އަމުރުކޮށްފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.